މާދަމާ މެންދުރުފަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދުންފުހުގެ އަސަރު ރަނގަޅުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.
މެޓުން 'ސަން'އަށް މިއަދު ބުނީ، އިރުވައި މޫސުމުގެ ދުވަސްވަރު ދުންފުހުގެ، ނުވަތަ ހޭޒްގެ އަސަރު މުޅިން ނުފިލާނެ ކަމަށެވެ.
"ކުރިއަށް ބަލާއިރު ފޯކާސްޓް ދައްކާ ގޮތުން [ދުންފުހުގެ އަސަރު] އެއްކޮށް ރަނގަޅުނުވާނެ އިރުވައި މޫސުން ތެރެ ވީމަ. ދުންފުހުގެ އަސަރު އެއްކޮށް ނުދާނެ. އެކަމަކު އާދީއްތަ ދުވަހުގެ މެންދުރުފަހުން ފެށިގެން ތަންކޮޅެއް ރަނގަޅު ވާނެ. އަދި ބުދަ ދުވަހާ ހަމައަށްވެސް ދައްކަނީ ތަންކޮޅެއް ރަނގަޅު ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުންފުހުގެ އަސަރު މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
މާލެ ސަރަހައްދަށް މިއަދު ލޮލަށް ފެންނަ ދުރުމުން ހުރީ ދެ ކިލޯމީޓަރަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އިރުވައި މޫސުމުގެ ތެރޭ ދުންފުހުގެ އަސަރު އެއްކޮށް ނުފިލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން މެޓުން ވަނީ، އާ އަހަރާ ދިމާކޮށް މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައެވެ. އަދި މިހިނގާ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވައި ސާފުވާނެ ކަމަށް އޭރު ލަފާކުރިއެވެ.
މެޓުން މިއަދު މިގޮތަށް ލަފާކުރިއިރު، ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ފަހަރު ދަތުރުކުރަމުންދާ އުސޫލަށް ބަދަލު ގެނެސް، ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރް)އަށް އަމަލުކުރަން މިއަދު ވަނީ ފަށައިފައެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ވަނީ، ވައި ނުސާފުވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ، އަބަދުވެސް ހެދިފައިވާ ގަވައިދުތަކުގެ ތެރެއިން މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ފިޔަވަޅު އަޅާ ކަމަށެވެ.

ދުންފުހުގެ އަސަރާއެކު ދުރު ފެންނަ މިންވަރު ދަށްވެފައި -- ސަން ފޮޓޯ/ ފާތިމަތު ޝައުނާ މުހައްމަދު
މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރާތީ އެމްއޭސީއެލުން ވަނީ ބަލައިގެން ދުއްވާ ގަވައިދު، ނުވަތަ ވީއެފްއާރަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފައެވެ. އަދި އޭގެ ބަދަލުގައި ޕައިލަޓުންނަށް އިތުރު އެހީތެރިކަން ލިބޭނެ ފަދަ ގޮތަކަށް އެސްވީއެފްއާރަށް އަމަލުކުރަން އަންގާފައެވެ. އެ ގަވައިދަށް އަމަލުކުރާނީ ދުރު ފެންނަ ދުރުމިން ފަސް ކިލޯމީޓަރަށް ވުރެ ދަށް ހާލަތްތަކުގައި ކަމަށް، އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 84 ގައެވެ. ހަމަ އެހެންމެ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕާޓިކިއުލޭޓް މެޓާ، ނުވަތަ ކުދި ހިރަފުހާއި ދުމާއި ކެމިކަލްތައް އުޅެނީ 2.5ގެ މިންގަނޑުގައެވެ. އޭގެ މާނައަކީ މާލޭގެ ވައިގައި ދުމާއި ކުނޑިއާއި ހިރަފުސް ފަދަ، ނޭވާލާ ނިޒާމަށް ވަންނަ ބާވަތްތައް ވައިގެ ތެރޭގައި އުޅޭ ކަމެވެ.
މިއަދު މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 27 މައިކްރޯގްރާމުގައެވެ. އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 5.4 ގުނަ ބޮޑު އަދަދެކެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައި ނުސާފުވި އެއް ދުވަހަކީ މިދިޔަ ބުދަ ދުވަހެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ލަފާކުރާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދުންފުހުގެ އަސަރު ހުންނާނެއެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ، ވިލިމާލެއާއި ދ. އަތޮޅާއި ލ. އަތޮޅު ހިސާބުގައެވެ. އެ ސަރަހައްދުތަކުގެ ވައި ނުސާފު މިންވަރު ވަނީ 'ރެޑް އެލާޓް'އަށް އަރައިފައެވެ. އެ ލެވެލްގައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑުވެއެވެ.