ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ޖާންވީ ކަޕޫރު ތަމަޅަ ވެބް ސީރީސްއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މީގެކުރިންވެސް ދެކުނު އިންޑިއާގެ ފިލްމެއްގައި މަސައްކަތްކޮށްފައިވާ ބަތަލާ ސޮއިކޮށްފައިވަނީ މަގުބޫލު ތަމަޅަ ފިލްމު ޑައިރެކްޓަރު ޕާ ރަންޖީތު ނެޓްފްލިކްސްއާ ގުޅިގެން އުފައްދަން ނިންމާފައިވާ ވެބް ސީރީސްއަކަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޖާންވީ މި ވެބް ސީރީސްއަށް ސޮއިކޮށްފައިވަނީ 20 ކްރޯޑު ރުޕީސް (2.2 މިލިއަން ޑޮލަރަ)ށެވެ. ތަމަޅަ އެކްޓަރު ރަޖިނީކާންތު ލީޑް ރޯލް ކުޅެފައިވާ އެކްޝަން ތުރިލާ "ކަބާލީ" އަދި ކާލާ" ގެނެސްދިން ޕާ ރަންޖީތުގެ މި ވެބް ސީރީސް ބިނާކޮށްފައިވަނީ އަންހެނެއްގެ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދިނުމަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުރިކަން ފާޅުކޮށްފައިވާ ބަތަލާ އެންމެ ފުރަތަމަ ކުޅުނު ސައުތު ފިލްމަކީ އެންޓީއާރް ޖޫނިއާއާ އެކު 2024ގައި ކުޅުނު ތެލުގޫ ފިލްމު "ދޭވްރާ: ޕާޓް 1"އެވެ.

ޖާންވީގެ ކުރިއަށް އޮތް ފިލްމު "ޕެއްޑީ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ޕިންކްވިލާ
ސައުތު ސިނަމާގެ އިތުރު އުފެއްދުމެއްގައި މަސައްކަތްކުރަން ޖާންވީ ތައްޔާރުވަމުން އަންނައިރު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ އޭޕްރިލް މަހު ރިލީޒްކުރާ ފިލްމު "ޕެއްޑީ"އިންނެވެ. މި ފިލްމަކީ ތެލުގޫ އެކްޓަރު ރާމް ޗަރަންއާ އެކު ޖާންވީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނީ ޖާންވީގެ މަންމަ، ކުރީގެ ބަތަލާ ސްރީދޭވީގެ ސަބަބުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ސްރީދޭވީއަކީ ސައުތު ސިނަމާގެ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކުރި ފިލްމީ ތަރިއެކެވެ.
އޭގެތެރޭގައި ތެލުގޫ، ތަމަޅަ އަދި މަޅަޔާލަމްގެ އިތުރުން ކަންނާޑާ ފިލްމުތައް ވެސް ހިމެނެއެވެ. ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ މަންމަ ސްރީދޭވީގެ ހަނދާނުގައި ޖާންވީ ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެ ސިނަމާގައި މަސައްކަތްކުރާއިރު މަންމަ ގާތުގައި ހުރެވޭ ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ ކަމަށް ޖާންވީ ވަނީ ތަންކޮޅެއްކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.