ވޮޝިންޓަން (15 ފެބްރުއަރީ 2026) : އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް މަގުފަހި ކުރުމުގެ ގޮތުން އެ ގައުމުގައި ގަޑުބަޑު އުފައްދަން މަގުފަހިކުރުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ޑޮލަރު ބޭނުންކުރިކަމަށް އެމެރިކާ އެއްބަސްވެއްޖެއެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ އީރާނުގެ ފައިސާކަމަށްވާ ރިޔާލްގެ އަގު ވައްޓާލުމުން އެގައުމުގައި ހަމަނުޖެހުން ހިނގާނެކަމަށް ބަލައި ޑޮލަރު ލިބުން ތާށިކުރުމަށް އެމެރިކާ ގިނަ ކަންތައްތަކެއް ކުރި ކަމުގައެވެ.
މިކަމުގެ ނަތީޖާވެސް ރަނގަނޅު ކަމަށާ އެމެރިކާ ލަފާކުރި ގޮތަށް ޑޮލަރު ތާށިކުރުމުން އީރާނުގެ ފައިސާކަމަށްވާ ރިޔާލްގެ އަގު ކުއްލި ގޮތަލަށް ވެއްޓުމާއެކު ރައްޔިތުން މަގުތަކަށް ނުކުމެ އީރާނުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މުޒާހަރާތައް ފެށިކަމުގައެވެ.
އެމެރިކާ އަޑީގައި އޮވެގެން އީރާނުގައި ހިންގި ހަމަނުޖެހުމާއި އީރާނުގެ ވެރިކަން ވައްޓާލުމަށް ޓަކައި އެގައުމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގީ އެމެރިކާ އަޑީގައި އޮވެގެން ކަމަށް އީރާން ވަނީ ތުހުމަތުކޮށްފައެވެ.
އީރާނުގެ ހަމަނުޖެހުންތަކުގައި އެމެރިކާ ކުރި މަސައްކަތްތަކާ ގުޅޭގޮތުން، ސުވާލުކުރުމަށް ކޮންގްރެސްގައި ބޭއްވި އަޑުއެހުމެއްގައި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު ވިދާޅުވީ އީރާނުގެ ރައްޔިތުން އެގައުމުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ނެރުމަށްޓަކައި އެމެރިކާ ހިންގި ކަންތައްތަކުގެ ނަތީޖާ ވަރަށް ރަނގަނޅަށް ފެނުނު ކަމުގައެވެ.
ނަމަވެސް ވެރިކަން ވައްޓާލުމުގައި މުޒާހަރާކުރި ފަރާތްތައް ނާކާމިޔާބުވީ އެތަށް ސަބަބުތަކަކާ ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
އީރާންގައި މިދިޔަ މަހު މުޒާހަރާތައް ފެށުނީ ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ތާށިވެ އީރާނުގެ ފައިސާކަމަށްވާ ރިޔާލްގެ އަގު ކުއްލި ގޮތަލަށް ވެއްޓުމާ ގުޅިގެންނެވެ. އީރާން ބުނާގޮތުން އެމުޒާހަރާތައް ފުރަތަމަ ދިޔައީ ސުލްހަވެރި ގޮތެއްގައެވެ. ނަމަވެސް އެ މުޒާހަރާތަކުގެ ތެރެއަށް ވަދެގަތީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ތަމްރީން ދީފައިވާ ޓެރަރިސްޓުންގެ ބައިގަނޑެކެވެ.
މުޒާހަރާތަކުގައި ތަންތަނުގައި ހުޅުޖަހައި އާންމުން ނާއި ސަލާމަތީ ބާރުތަކަށް ހަމަލާދީ އެތަށް ސަތޭކަ މަރައި ޓެރަރިޒަމްގެ އަމަލުތައް ހިންގީ އެމެރިކާއާއި އިސްރާއީލުން ފޮނުވި ޓެރަރިސްޓުންނެވެ.
ނަމަވެސް އީރާނުގެ ފުލުހުން ބާރުގެ ބޭނުންކޮށްގެން ޓެރަރިސްޓުންގެ އެތަށް ހާސް ބަޔަކު މަރާލިއެވެ. ދެންތިބި ޓެރަރިސްޓުން ހައްޔަރުކުިރިއެވެ. ގައުމުގައި ހަމަޖެހުން ގާއިމް ކުރުމުގައި އީރާނުގެ ސަލާމަތީ ބާރުތައްވަނީ 3 ހަފްތާ ތެރޭގައި ކާމިޔާބު ހޯދާފައެވެ.
އެމެރިކާ ގެ ކަމާބެހޭ މަސްއޫލުވެރިން ވަނީ އީރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި އެމެރިކާގެ އެޖެންޓުންނަށް އިންޓަނެޓްގެ ޚިދުމަތް ސްޓާލިންކް މެދުވެރިކޮށް ފޯރުކޮށް ދިނުމަށްޓަކައި ސްޓާލިންކްގެ ސެޓަލައިޓް ތަކާގުޅުވައިދޭ 6 ހާހަށް ވުރެ ގިނަ ޑިވައިސް ވެސް ސިއްރިޔާތުގައި އެޖެންޓުން މެދުވެރިކޮށް އީރާނަށް ވައްދާފައެވެ. ކޮންގްރެސްގެ ސަބްކޮމިޓީގެ ކުރިމަތީގައި އެމެރިކާގެ މަސްއޫލުވެރިންވަނީ މިކަން ކުރިކަމަށް އިއުތިރާފް ވެފައެވެ.
އީރާނުންވަނީ އެމެރިކާއަކީ ބައިނަލްއަގްވާމީ ޓެރަރިޒަމަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުކަމަށް ސިފަކޮށްފައެވެ.
އީރާން ބުނާގޮތުން ސްޓާލިންކްގެ ސެޓަލައިޓް ތަކާގުޅުވައިދޭ 10 ހާހަށް ވުރެ ގިނަ ޑިވައިސް އެމެރިކާ ގެ އެޖެންޓުން އީރާނަށް ވެއްދިނަމަވެސް އެހުރިހާ ޑިވައިސްތަކެއް ހުރިތަން ޑިޖިޓަލްކޮށް ދެނެގަނެ އެތަކެތިވަނީ ދެހަފްތާ ތެރޭގައި އަތުލައިގެންފައެވެ.
މީގެއިތުރުން އީރާންވަނީ ސްޓާލިންކް ގެ އިންޓަނެޓްގެ ޚިދުމަތްތައް އީރާނުގެ އެތެރޭގައި ޖޭމްކޮށްލުމުގައިވެސް ބޮޑު ކާމިޔާބީ އެއް ހޯދާފައެވެ. މިކަން ކުރިކަމަށްވަނީ ޗައިނާއާއި ރަޝިއާގެ އެހީގައެވެ.
އެމެރިކާގެ ޑިވައިސް ތަކުގައިވާ ޓެކްނޮލޮޖީގެ ރިވާސް އިންޖިނިއަރިންގް ހަދައި އީރާންގެ އިންޖިނޭރުން މިހާރުވަނީ އެބާވަތުގެ ޑިވައިސް ހަދާނެ ގޮތުގެ ޓެކްނޮލޮޖީ ކޮޕީކޮށްފައި ކަމަށް އީރާނުގެ މީޑިއާ ބުނެފައި ވެއެވެ.