އީރާނަށް އިގްތިސާދީ ގޮތުން އިތުރަށް ޕްރެޝަރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓުކޮށްފިއެވެ.
އެގޮތަށް އެއްބަސްވީ ނަތަންޔާހޫއާއި ޓްރަމްޕް މިދިޔަ ބުދަ ދުވަހު ވައިޓްހައުސްގައި ބައްދަލުކުރެއްވުމަށްފަހު ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.
"އަޅުގަނޑުމެން އެއްބަސްވީ އީރާނާ ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު ޕްރެޝާ ކުރުމަށް. މިސާލަކަށް ޗައިނާއަށް އީރާނުން ތެޔޮ ވިއްކުމާ ގުޅޭ ގޮތުން." އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ނަމަވެސް އެ އަމާޒު ހާސިލްކުރާނެ ގޮތާ މެދު ދެބޭފުޅުންގެ ޚިޔާލުތަފާތު ކަމަށް އެ ނޫހުން ބުނެއެވެ. އެގޮތުން އީރާނާ އެކު އިތުބާރު ހުރި އެއްބަސްވުމެއް ހެދުމަކީ ހާސިލް ނުކުރެވޭނެ ކަމެއް ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާއިރު، ޓްރަމްޕް ވިދާޅުވީ އެއްބަސްވުމެއް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ދެ ގައުމުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތައް ފެއިލްވެއްޖެނަމަ، ހަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އީރާނަށް އެމެރިކާއިން ކުރާ ޕްރެޝަރު އިތުރުކުރުމުގެ ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށެވެ.
އީރާނުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރުގެ 80 ޕަސެންޓަށް ވުރެ ގިނައިން ޗައިނާއަށް އެކްސްޕޯޓުކުރާއިރު، އެ މިންވަރު މަދުވުމަކީ އީރާނަށް އިގްތިސާދީ ޕްރެޝަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެެވެ.
މީގެ އިތުރުން ދާދި ފަހުން ޓްރަމްޕް ސޮއިކުރެއްވި އެގްޒެކެޓިވް އަމުރެއްގައި އެމެރިކާއަށް އީރާނަށް އިގްތިސާދީ ޕްރެޝަރު ބޮޑުކުރުމުގެ ހުއްދަ ދީފައިވާއިރު، އީރާނާއެކު ވިޔަފާރީގެ ގުޅުން ދެމެހެއްޓޭ ގައުމުތަކުން 25 ޕަސެންޓާ ހަމައަށް ޓެރިފް ނަގަން ލަފާދޭ މާއްދާތައް ހިމެނެއެވެ.
އެމެރިކާއާއި އީރާނުން މިހާރު ކުރިއަށްގެންދާ ނިއުކްލިއާ މަޝްވަރާތަކުގެ ފުރަތަމަ ބުރު އޮމާންގައި ބާއްވާފައިވާއިރު، ދެ ވަނަ ބުރުގެ މަޝްވަރާތައް ބާއްވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އެ މަޝްވަރާތަކަށްފަހު އެމެރިކާ އާއި އީރާނުން ވެސް ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށާއި އިތުރު ބައްދަލުވުންތައް ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.