ދެކުނު އިންޑިއާގެ ބަތަލާ ސްރީލީލާ އަކީ މިހާރު މެޑިކަލް ޑޮކްޓަރެއް

ދެކުނު އިންޑިއާގެ ބަތަލާ އަދި މިހާރު މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ސްރީލީލާ--ފޮޓޯ/ޕިންކްވިލާ

ސިއްހީ ދާއިރާއިން މަތީ ތައުލީމު އުނގެނެމުން އައި ދެކުނު އިންޑިއާގެ މަގުބޫލު ފިލްމީ ތަރި ސްރީލީލާ އެމްބީބީއެސް ޑިގްރީ ހާސިލުކޮށްފިއެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ފެށިއިރު ވެސް މެޑިސިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އައި ބަތަލާ އެކަން ސޯޝަލް މީޑިއާގައި އިއުލާނުކުރަމުން ބުނީ މިހާރު ސްރީލީލާގެ ނަން ބޭނުންކުރާއިރު ކުރިއަށް ޑރ. އިތުރުވެފައިވާ ކަމަށާއި އެއީ މިހާރު ހަމައެކަނި ފިލްމީ ތަރިއެއް ނޫން ކަމަށާއި އޭގެއިތުރުން މެޑިކަލް ޑޮކްޓަރެއް ކަމަށެވެ.

ބަތަލާ ގްރެޖުއޭޓްވި ހަފްލާގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ އެއީ ހަ އަހަރު ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ޑޮކްޓަރަކަށް ވުމަށް ސްރީލީލާ ކުރި އެ ދަތުރުގައި ބަތަލާގެ ސަޕޯޓަރުންގެ ހިއްސާ ވެސް ވަރަށް ބޮޑު ކަމަށާއި އެކަމަށް ބަތަލާ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ސްރީލީލާ މަންމަ ސުވްރަނާލަތާއާ އެކު--ފޮޓޯ/އެންޑީޓީވީ

ސްރީލީލާއަށް މެޑިކަލް ޑޮކްޓަރެއްގެ ދަރަޖަ ލިބުނުއިރު ބަތަލާ ނިސްބަތްވާ އާއިލާ އަކީ ވެސް މެޑިކަލް ޑޮކްޓަރުން ތިބި އާއިލާއެކެވެ. އެގޮތުން ސްރީލީލާގެ މަންމަ ސުވްރަނާލަތާ އަކީ އަންހެނުންގެ ހާއްސަ މެޑިކަލް ޑޮކްޓަރެކެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކުން ހޯދި މަގުބޫލުކަމާ އެކު ސްރީލީލާ އަންނަނީ ބޮލީވުޑަށް ތައާރަފްވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ބަތަލާ އަންނަނީ ޑައިރެކްޓަރު އަނޫރާގު ބާސޫ އުފައްދާ ލޯބީގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ލީޑް އެކްޓަރަކީ ކާތިކް އާރިއަންއެވެ. މި ފިލްމުގެ ޓީޒާއެއް މިހާތަނަށް ބެލުންތެރިންނަށް ގެނެސްދިން ނަމަވެސް ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކާތިކާ އެކު ސްރީލީލާ މި ފިލްމަށް ސޮއިކުރި ދުވަސްވަރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ދެ ތަރިންގެ ފަރާތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް