އިސްރާއީލު ދިފާއުކުރަން އެމެރިކާއިން ޚަރަދުކުރަން ޖެހޭތޯ ކޮންގްރެސްގެ މެންބަރަކު ސުވާލު އުފައްދަވައިފި

އޮކާސިޔޯ ކްރިސްޓީން މިއުނިކް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ

މިޔުނިކް (14 ފެބްރުއަރީ 2026): އިސްރާއީލު ދިފާއުކުރުމަށާއި އިސްރާއީލުގެ ދެމިއޮތުމަށް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރަންޖެހޭތޯ ސުވާލު އުފައްދަވައި، ޖަރުމަނުގެ މިޔުނިކްގައި ކުރިއަށްދާ އަމަނާބެހޭ ކޮންފަރެންސްގައި އެމެރިކާގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ އެލެގްޒެންޑްރިޔާ އޮކާސިޔޯ ކްރީޓްސް ވާހަކަދައްކަވައިފިއެވެ.

އެލެގްޒެންޑްރިޔާ ވިދާޅުވީ، އިސްރާއީލަކީ އެމެރިކާއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ އަދި އަޚުލާގީ ބުރައަކަށް ވެފައިވާ ކަމުގައެވެ. އިސްރާއީލުގެ ދިފާއު ކުރުމަށާއި އިސްރާއީލުގެ ދެމިއޮތުމަށް އެމެރިކާ ރައްޔިތުންގެ ޖީބުން ޚަރަދުކުރަން ޖެހުން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެލެގްޒެންޑްރިޔާ ތުހުމަތުކުރެއްވި ގޮތުގައި އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން އިސްރާއީލަށް ހައްދެއްނެތި ޚަރަދު ކުރަނީ ވަކި ބައެއްގެ ބާރާއި ނުފޫޒުގައެވެ. އޭނާ އެ އިޝާރަތް ކުރައްވަނީ އެމެރިކާގައި ދިރިއުޅޭ އިންޖީލީ ފިކުރުގެ މީހުން ނުވަތަ ޖޫޑޯ ކްރިސްޓިއަނުން ނަށާއި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކަށް ކަމަށް މުރާސިލުން ބުނެއެވެ. މިއީ އެމެރިކާގެ އާބާދީގައި ނިސްބަތުން ވަރަށް މަދު ބައެކެވެ.

ނަމަވެސް، އެމެރިކާގެ ވެރިކަމުގެ ނިޒާމުގައި އެންމެ ބަރުގަދައީ މި ގްރޫޕްތަކުގައެވެ. ޖޫޑޯ ކްރިސްޓިއަނުން ނުވަތަ އިންޖީލީ ފިކުރުގެ މީހުންނަކީ އިސްރާއީލަކީ ދީނީ ގޮތުން މުގައްދަސް ތަނެއް ކަމަށް ދެކޭ މަޒުހަބުގެ މީހުންނެވެ. އަދި، ޔަހޫދީންނަކީ "ގޯޑް ޗޫޒެން ޕީޕަލް" ނުވަތަ ކަނލާންގެ ހޮއްވަވައި އިޚްތިޔާރު ކުރައްވާފައިވާ މުގައްދަސް ބައެއްކަމަށް ދެކޭ ބޯދާ ފިކުރެއް ގެންގުޅޭ ބައެކެވެ.

އެލެގްޒެންޑްރިޔާ ވަނީ އެމެރިކާގެ އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ހާލަތު ދަށަށްދާއިރު ވެސް އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުކުރުމަށް ޚަރަދު ކުރުމުގެ ބަދަލުގައި އެމެރިކާގެ ފައިސާ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށާއި އިސްރާއީލަށް އެކި ގޮތްގޮތުން އެހީ ދިނުމަށް ޚަރަދުކުރުމަކީ އެމެރިކާގެ އާންމުންނަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެެމެރިކާގައި ތޫފާންގެ ސަބަބުން ގެއްލުން ލިބިފައިވާ އެތައް ސަރަހައްދެއް ފައިސާ ނެތިގެން މަރާމާތު ނުކުރެވިފައިވާއިރު އެމެރިކާގައި ފަގީރުންގެ ނިސްބަތް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ

މިއީ މީގެ ކުރިން އެމެރިކާގެ ސިޔާސީ ބޭފުޅަކަށް ދައްކަވަން ކެރިވަޑައިގަންނަވާ ވާހަކަތަކެއް ނޫނެވެ. އެމެރިކާ އިސްރާއީލަށް ކުރަމުންގެންދާ ބޮޑެތި ޚަރަދުތަކާ ދެކޮޅަށް ވާހަކަދައްކަން ނުކެރުނު ނަމަވެސް ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ގުޅިގެން އެމެރިކާގެ އާންމުންގެ މެދުގައި ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަނީ އިސްރާއީލާ އދިކޮޅު ރޫހެއް އުފެދިފައެވެ. މިއާއެކު އިސްރާއީލުގެ ހަގީގަތް ގިނަ ބަޔަކަށް އެނގެން ފެށުމުން ފާޅުގައި ވަނީ އިސްްރާއީލަށް ފާޑުކިޔަން ފަށާފައެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އެމެރިކާގެ އެތައް ޔުނިވާސިޓީއެއްގެ ދަރިވަރުންވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދިގުދެމިގެންދާ ގޮތަށް އެތައް މަހެއް ވަންދެން މުޒާހަރާތަކާއި އިހުތިޖާޖުތައް ކޮށްފައެވެ. މިއީ ދުވަހަކު ވެސް މީގެ ކުރިން އެމެރިކާގެ ޔުނިވާސިޓީތަކުން ފެނިފައިވާ މަންޒަރެއް ނޫނެވެ.

އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރި އެތައް ދަރިވަރަކުވަނީ ވަރަށް އަނިޔާވެރިކޮށް ހައްޔަރުކުރުމުގެ އިތުރުން އެޔުނިވާސިޓީތަކުން ވަކިވެސް ކޮށްފައެވެ.

ވައިޓް ހައުސްގައި އޮންނަ ދީނީ މިނިވަންކަމާބެހޭ ކޮމިޓީގެ މެންބަރެއް ކަމަށްވާ ކެރީ ޕޮލާ މިދިޔަ ހަފުތާގައި ވައިޓް ހައުސްގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކަށް ފާޑުކިޔުމަކީ އެންޓި ސެމިޓިޒަމް ނުވަތަ ޔަހޫދީންނާ ޖައްސާލައި އެމީހުންނާ ދެކޮޅަށް ހޭޓް ސްޕީޗް ފެތުރުން ކަމަށް ބުނެ، އިސްރާއީލު ފަތުރާ ޕްރޮޕަގެންޑާއާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި، ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ވާހަކަ ނުދައްކައި ތިބުމަކީ ޖަރީމާއެއް ކަމަށް އެ ކަމަނާ ސިފަކުރެއްވިއެވެ.

ކެރީ ޕޮލާ ވިދާޅުވި ގޮތުގައި އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް އެއްޗެއް ބުނުމަކީ ނޫނީ އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކުރުމަކީ ޔަހޫދީންނާ ޖައްސާލުން ކަމަށް ބުނެ, މީހުންގެ އަނގަބަންދުކުރުމަކީ އިސްރާއީލުގެ މުޚުތާރު ސިޔާސަތެއް ކަމަށް ފާޅުގައި ވިދާޅުވެފައެވެ.

މިހެން ވިދާޅުވިތާ ދެ ދުވަހުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެރީ ޕޮލާ މަގާމުން ވަކިކޮށްފައެވެ.

ނަމަވެސް, އިސްރާއީލުން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކާ ގަތުލުއާންމުތަކާ ދެކޮޅަށް އެއްޗެއް ބުނުމަކީ ޔަހޫދީންނާ ޖައްސާލުން (އެންޓި ސެމިޓިޒަމް) ކަމަށް ބުނެ, މީހުންގެ އަނގަބަންދުކުރުމަށް އިސްރާއީލު ގެންގުޅޭ ޚުދު މުޚުތާރު ސިޔާސަތު މިހާރު ވަނީ ބަލިކަށިވެފައެވެ.

މީހުންގެ އަނގަ ބަންދުކުރުމުގެ މި ސިޔާސަތު ގޯނިން ބޭރުވެފައިވަނީ އެމެރިކާއާއި ޔޫރަޕްގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލާ މީހުން ގިނަވަމުން ދިޔުމުގެ ސަބަބުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާއާއި ޔޫރަޕްގެ މަޝްހޫރު މީހުން ވެސް މިހާރުވަނީ އިސްރާއީލުގެ ފަރާތުން އަންނަ ބިރުވެރިކަމަށް ގޮންޖަހައި ސޯޝަލް މީޑީއާއާއި އެ ނޫން ވެސް އާންމު ޕްލެޓް ފޯމްތަކުގައި ފާޅުގައި އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކުރަން ފަށާފައެވެ.

ނަމަވެސް, ޔަހޫދީން ކޮންޓްރޯލްކުރާ ހުޅަނގުގެ މެއިންސްޓްރީމް މީޑިއާތައް އަދިވެސް އޮތީ އިސްރާއީލު ކޮޅަށް ޖެހި ހުސްވެފައެވެ. އިސްރާއީލު ހިންގާ ލާއިންސާނީ އަމަލުތަކުގެ ޚަބަރު ފެތުރުމަށް ފަސްޖެހި ފަަހަތު ފަޔަށް ބުރަވެފައެވެ.

comment ކޮމެންޓް