ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން, ދެން އުފައްދާ އެ ޕާޓީގެ ވެރިކަމެއްގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން ކުރައްވާ ކަމަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބީއެންޕީއިން ބަންގްލަދޭޝްގެ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ރައީސް، ވަނީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް، މަރުޙަބާ ވިދާޅުވެފައެވެ.
އެއާއެކު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބީއެންޕީ އާއި އެ ޕާޓީގެ ބައިވެރިން ވަނީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 211 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދައިފައެވެ.
އެ ޕާޓީއާ ދެން އެންމެ ކައިރިން ވާދަކުރި ޖަމިއްޔަތުލް އިސްލާމަށް 70 ގޮނޑި ލިބުނުއިރު އެހެން ޕާޓީތަކަށް ލިބުނީ ހަ ގޮނޑި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މިހާތަނަށް އާއްމު ކޮށްފައިވަނީ ވަގުތީ ނަތީޖާއެވެ.