މި އަހަރު ވެސް ބަންގްލަދޭޝް ސަރުކާރުން އެ ގައުމުގެ އަނބު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން އަނބު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ހަދިޔާއާ ހަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް ބަދޫރާ ސައީދެވެ.
ބަންގްލަދޭޝްއިން އަނބު ހަދިޔާކޮށްފައިވަނީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުރް ރަޙްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިފައެވެ.
ބަންގްލަދޭޝް އެމްބަސީން ބުނި ގޮތުގައި، އެ ގައުމުގެ ޕްރީމިއަމް އަނބު ރާއްޖެއަށް ހަދިޔާ ކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އިޙުތިރާމާއި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

މިނިވަންދުވަހާ ގުޅުވައިގެން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި ---
އެ އެމްބަސީން ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ވަރުގަދަ ގުޅުން ބިނާވެފައި ވަނީ އިތުބާރާއި އެއްބާރުލުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ.
އޭގެ ތެރޭގައި، ޚާރިޖީ ދާއިރާއާއި ވިޔަފާރިއާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން ތިމާވެށީގެ މައްސަލަތަކާއި މަސައްކަތްތެރިންގެ ހަރަކާތްތެރިކަމާއި ދިފާއީ އެއްބާރުލުމާއި ފަތުރުވެރިކަމުގެ އިތުރުން ސަގާފީ ދާއިރާގެ އެއްބާރުލުން ހިމެނޭ ކަމަށް އެމްބަސީން ފާހަގަކުރިއެވެ.
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއާއެކު އޮންނަ ގުޅުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭއިރު، ދެ ގައުމުގެ ފާގަތިކަމަށްޓަކައި ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތްކުރާނެ ކަމަށް އެމްބަސީން ބުނެފައިވެއެވެ.
ބަންގްލަދޭޝް އާއި ރާއްޖޭގެ އެކުވެރި ގުޅުން ބަދަހި ކުރުމުގެ ގޮތުން، 2024 ވަނަ އަހަރާ ޖެހެންދެން ބޮޑުވަޒީރު ކަމުގައި ހުންނެވި ޝެއިޚް ހަސީނާގެ ދިގު ވެރިކަމުގެ އެކި އަހަރުތަކުގައި ރާއްޖެއަށް އަނބު ހަދިޔާކޮށްފައިވެއެވެ.