ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކަނާތު ލޮލަށް ފެންނަނީ އެންމެ 15 ޕަސަންޓު ކަމަށް އޭނާގެ ވަކީލު ހާމަކޮށްފިއެވެ.
ލޮލުގެ ފެނުން ދަށްވާ ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާތާ ތިން މަސްވެފައިވާ ކަމަށްވެސް ވަކީލު ބުނެފައިވެއެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އައްޔަންކުރި ވަކީލު ސަލްމާން ސަފްދާރު ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު އިމްރާނާ ދެ ގަޑިއިރުގެ އިންޓަވިއުއެއްކޮށް، އޭނާ ބަންދުކޮށްފައި ހުރި ތަން ބެލުމަށްފަހު، ހަތް ސަފްހާގެ ތަފްސީލީ ރިޕޯޓެއް ކޯޓަށް ހުށަހަޅާފައެވެ.
އެ ރިޕޯޓުގައި އުމުރުން 73 އަހަރުގެ އިމްރާން އެކަހެރިކޮށް ބަންދުގައި ބެހެއްޓުމުން ލިބޭ ނަފްސާނީ ގެއްލުމާއި، ސިއްހީ ހާލަތު ދަށްވަމުންދާ ކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެގޮތުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިމްރާންގެ ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ތަކުރާރުކޮށް ޝަކުވާ ހުށަހެޅި ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް ޖަލުގެ ވެރިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ފެބުރުއަރީ ހަ ވަނަ ދުވަހު ނެރުނު މެޑިކަލް ރިޕޯޓެއްގައި މި ހާލަތު ފާހަގަކޮށްފައިވަނީ "ރައިޓް ސެންޓްރަލް ރެޓިނަލް ވެއިން އޮކްލޫޝަން" ކަމަށް ސަފްދާރު ފާހަގަކުރިއެވެ.
އިސްލާމްއާބާދުގެ ސަރުކާރު ހޮސްޕިޓަލެއްގެ ލޮލުގެ ޑޮކްޓަރަކާ މަޝްވަރާކުރުމުން ލޮލުގައި ލޭކޮޅެއް ގަނޑުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް ސަފްދާރު ވިދާޅުވިއެވެ. އަދި އެއީ ރެޓިނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށްވެސް ސަފްދާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ލޮލަށް ފަރުވާ ނުލިބި އިތުރަށް ލަސްވުމަކީ އިމްރާންގެ ލޮލަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ކަމަށާއި އިމްރާންގެ އަމިއްލަ ޑޮކްޓަރު ހިމެނޭ ގޮތަށް ލޮލުގެ މާހިރުން ލައްވައި ލޮލުގެ ހާލަތު ބަލައިދިނުމަށް އެ ރިޕޯޓުގައި އެދިފައިވެއެވެ.
އެ ރިޕޯޓް ހުށަހެޅުމާ ގުޅިގެން ކޯޓުން ވަނީ އިމްރާންގެ ލޯ ބެލުމަށް މެޑިކަލް ޓީމެއް އެކުލަވާލުމަށް އަމުރުކޮށް، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދަރިންނާ ފޯނުން ގުޅުމުގެ ހުއްދަ ދިނުމަށް އަންގާފައެވެ. އެ ދެ ކަންތައް ވެސް އަންނަ ހޯމަ ދުވަހުގެ, ކުރިން ނިންމުމަށް އަމުރުކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އިމްރާންގެ ޕާކިސްތާން ތެހްރީކް އިންސާފް (ޕީޓީއައި) އިން ވެސް ވަނީ އިމްރާންގެ ޑޮކްޓަރުގެ ޚިދުމަތް ލިބޭނެގޮތް ހަަމަޖައްސައިދީ އަވަސް ފަރުވާ ދިނުމަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ވޯލްޑް ކަޕް ކާމިޔާބުކުރި މަޝްހޫރު އިމްރާން, އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބުވީ 2018 ވަނަ އަހަރުއެވެ. އޭގެ ހަތަރު އަހަރު ފަހުން، ޕާކިސްތާނުގައި އެމެރިކާއާއި އިމްރާންގެ ސިޔާސީ ވާދަވެރިންނާ ގުޅިގެން އަސްކަރިއްޔާއިން ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގެ ތެރެއިން އޭނާ މަގާމުން ވަކިކުރިއެވެ.
ވެރިކަމުން ދުރުކުރުމަށްފަހު، ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާ ޖަލަށް ލީ 2023 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އިމްރާން ޖަލުގައި ހުންނަވާތާ މިހާރު ވަނީ ދެ އަހަރާއި ހަތަރު މަސް މަސްވެފަައެވެ.