ސަރުކާރަށް ކައުންސިލުތައް ދީފިނަމަ އުވާލާނެ، މިއީ ވޯޓުލާން ލިބޭ ފަހު ފަހަރަށް ވެސް ވެދާނެ: ޢަބްދުލްޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: ވިދާޅުވީ މިއީ ވޯޓުލާްން ލިބޭ ފަހު ފުރުސަތަށް ވެދާނެ ކަމަށް --- ފޮޓޯ: އެމްޑީޕީ

އަންނަ ލޯކަލް ކައުންސިލު އިންތިޚާބު މި ސަރުކާރަށް ދީފިނަމަ ކައުންސިލުތައް އުވާލާނެ ކަމަށާއި، މިއީ ރައްޔިތުން އިންތިޚާބެއްގައި ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެއެވެ.

އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރަން އައިސް ވައްކަންކުރުން ނޫން ކަމެއް މި ސަރުކާރަށް ނުކުރެވުނު ކަމަށާއި، އެގޮތުން ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން 176 މިލިއަން ރުފިޔާ ޚަރަދުކުރިއިރު އެއް ކަމެއްވެސް ނުވި ކަމަށެވެ.

މި ސަރުކާރުން ރައްޔިތުންގެ އަޑެއް ނާހާނެ ކަމަށް ވިދާޅުވެ، ސަރުކާރަށް ވޯޓުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް، ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

"މި ކައުންސިލުތައް މި ސަރުކާރަށް ދީފިއްޔާ އެ ބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ، އެނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނީމާ މާލިއްޔަތު ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ، އެއީ މި ބޭފުޅުންނަކީ،" އޭނާ ވިދާޅުވިއެވެ.

އަނެއް ކަމަކީ މި ސަރުކާރަށް ކައުންސިލުތައް ދީފިއްޔާ، ދެން އަޅުގަނޑުމެން ލާ ވޯޓެއްގެ ލާ ފާހަގައެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ، މިއީ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފާހަގަ، މި ފާހަގަ އަޅުގަނޑުމެން މި ސަރުކާރަށް އާނއެކޭ ބުނެފިއްޔާ، ވަލްޙަމްދުއްލިއްލާހި، މި ގައުމުން ވޯޓުލުމުގެ ހުރިހާ ކަމެއް ނެތި ދިޔައީޢަބްދުލްޣަފޫރު މޫސާ - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން

ޢަބްދުލްޣަފޫރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަނީ ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެން ގައުމު ހަލާކުކުރުމަށް ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ޚުދުމުޚުތާރު ވެރިކަމެއް ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަން ބަދަލުނުކޮށް ނޫނީ ގައުމު ތަރައްގީކުރެވެން ނެތް ކަމަށެވެ.

އަބަދުވެސް ބޭނުންވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ޙަލާލު މަސައްކަތުން އުޅޭ ރައްޔިތުންތަކެއް އުފެއްދުމަށް ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މި ސަރުކާރު ބަދަލުކޮށް، 2028ވަނަ އަހަރު އެމްޑީޕީ އަލުން ވެރިކަމަށް އަންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ޢަބްދުލްޣަފޫރު ތަކުރާރުކުރެއްވިއެވެ.

comment ކޮމެންޓް