އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން އައިފޯނުތަކަށް ޚާއްސަ އޮޕަރޭޓިން ސިސްޓަމްގެ އާ އަޕްޑޭޓް، "އައިއޯއެސް 26.3" މިދިޔަ ބުދަ ދުވަހު ނެރެފިއެވެ.
މިއީ މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އައިއޯއެސްގެ އެންމެ ފަހުގެ އޯއެސްއަށް އައި ތިންވަނަ ބޮޑު އަޕްޑޭޓް ކަމަށްވާއިރު، މި އަޕްޑޭޓް އާންމުކޮށް ދޫކޮށްލާފައިވަނީ ޑިވެލޮޕަރުންނާއި ޕަބްލިކް ބީޓާގައި ޓެސްޓު ކުރުމަށްފަހުގައެވެ.
މި އަޕްޑޭޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އާ ކަމަކީ އެންޑްރޮއިޑް ފޯނަކުން އައިފޯނަކަށް ބަދަލުވުމަށް ތައާރަފްކޮށްފައިވާ އާ ފީޗާއެވެ.
އެޕަލް އިން ބުނާ ގޮތުގައި މި ފީޗާ މެދުވެރިކޮށް، އެޕަލް ނުވަތަ ގޫގުލްއިން އިތުރު އެޕްލިކޭޝަނެއް ޑައުންލޯޑް ކުރުމަކާ ނުލައި އެއް ފޯނުން އަނެއް ފޯނަށް ޑޭޓާ ބަދަލުކޮށްލެވޭނެއެވެ. މީގެ ތެރޭގައި އެޕްތަކާއި، މެސެޖު، ނޯޓްސް، ޕާސްވޯޑް، ފޯނު ނަންބަރު އަދި ފޮޓޯ ފަދަ ތަކެތި ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ނަމަވެސް، ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ "މެކްރޫމާސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރޮސެސް އެޕަލް އިން ބުނާހާ ފަސޭހަ ނުވެދާނެތީ، އެޕަލްއިން މިކަން މާބޮޑަށް އިޝްތިހާރު ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އެޕަލް މިއުޒިކަށްވެސް މި އަޕްޑޭޓުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހޯމް ޕޭޖުގެ "ޓޮޕް ޕިކްސް" ބައިން މިހާރު ފެވަރިޓް ލަވަތައް ފެންނަން ހުންނާނެއެވެ. އަދި އިންޓަނެޓާ ނުލައި، ލަވަތަކުގެ ޅެން ނުވަތަ ލިރިކްސް ބަލައިލެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މިއާއެކު، ކުރީގެ ވާޝަންތަކުގައި ހުރި ބައެއް މައްސަލަތައް ނުވަތަ ބަގްސް ވެސް މި އަޕްޑޭޓުގައި ވަނީ ހައްލުކޮށްފައެވެ.
މި އަޕްޑޭޓް އައިފޯން 11 އިން ފެށިގެން މަތީގެ ފޯނުތަކަށް ލިބޭނެއެވެ.
އަޕްޑޭޓް އިންސްޓޯލް ކުރުމަށްޓަކައި އައިފޯނުގެ 'ސެޓިންގްސް' އަށް ވަދެ، 'ޖެނެރަލް' އަށް ދިއުމަށްފަހު 'ސޮފްޓްވެއާ އަޕްޑޭޓް' އަށް ފިތާލުމުން އަޕްޑޭޓް ފެންނަން ހުންނާނެއެވެ. އެއަށްފަހު 'ޑައުންލޯޑް އެންޑް އިންސްޓޯލް' އަށް ފިތާލުމުން ފޯނު އަޕްޑޭޓް ވާނެއެވެ.