ދަރިއަކަށް އަނިޔާކުރި ކަމަށް ތުހުމަތުވާ ބައްޕައެއް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރީ، މާލެއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ)އާ ހަވާލާދީ ބުނީ، ފިރިހެން މީހާ އޭނާގެ ދަރިއެއް ގައިގައި ޖަހައި އަނިޔާކޮށްފައިވާ ކަމަށެވެ. އެކަމަކު، އެކަން ނުކުރާ ކަމަށް ކޯޓުގައި އެ މީހާ ވަނީ ބުނެފައެވެ.
އޭނާއަކީ، ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ. އޭގެތެރޭގައި، އަނިޔާ ލިބުނު ކުއްޖާގެ މަންމައާއި ފުލުހުންގެ ބަޔާނާއި ހާދިސާ ރިޕޯޓު ހިމެނެއެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހިމެނޭ ގޮތަށް، ގެވެށި އަނިޔާގެ މައްސަލަތައް ގިނައެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު އެކަނިވެސް، ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ހުށަހަޅާފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.