ނިމިދިޔަ ޑިސެމްބަރު މަހު ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 85 މައްސަލައެއް ހުށަހަޅާފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީއިން ނެރެފައިވާ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު ސޯޝަލް އެންޑް ފެމެލީ ޑިވޮލަޕްމެންޓް މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
އަދި މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުޑަކުދީންނަށް އިހުމާލުވުމުގެ 25 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، އޭގެތެރެއިން 14 މައްސަލައަކީ އަންހެން ކުދީންނަށް އިހުމާލުވުމުގެ މައްސަލައެވެ. އަދި ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް އެއް މައްސަލަ ހުށަހަޅާފައި ވާއިރު ބާކީ 14 މައްސަލައަކީ ފިރިހެން ކުދީންނާއި ގުޅުންހުރި މައްސަލަތަކެވެ.
އެ މިނިސްޓްރީއިން ބުނީ ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ، ޖިސްމާނީ ހާނިއްކައިގެ މައްސަަލަތައް ކަމަށެވެ. އެގޮތުން ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައެއް ޑިސެމްބަރުމަހު ހުށަހަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ، ފިރިހެން ކުދީންނާއި ގުޅޭ 13 މައްސަލައަކާއި އަންހެން ކުދީންނާއި ގުޅޭ ތިން މައްސަލައެކެވެ.
މީގެ އިތުރުން އެ ވުޒާރާއަށް ވަނީ ޖިންސީ ހާނިއްކައިގެ 14 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްްކުން ނުވަތަ ފެނުމުގެ 11 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ ހަ މައްސަލައެއް ހުށަހަޅާފައެވެ.
އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ، ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ ދެ މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސައެއްގެ އިތުރުން ކުދިން ދޫކޮށްލާފައި ދިއުމުގެ އެއް މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ.
އެހެންކަމުން ޖުމްލަ އަންހެން ކުދީންގެ 40 މައްސަލަ އާޢި ފިރިހެންކުދީންގެ 44 މައްސަލައިގެ އިތުރުން ގޮތް ނޭނގޭ ގޮތަށް ހުށަހަޅާފައިވާ އެއް މައްސަލ ޑިސެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅިގެން އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.