ޣައްޒާއާ މިސްރު ގުޅޭ ރަފަހް ބޯޑަރު ދެ އަހަރު ވަންދެން ބަންދުކޮށްފައި ބޭއްވުމަށްފަހު، މިދިޔަ މަހު އަލުން ހުޅުވާލި ފަހުން އެ ބޯޑަރުން ހުރަސް ކުރަން ހުއްދަ ދިން ބަލި މީހުންގެ އަދަދު 100 އަށްވުރެ ވެސް މަދު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިޔުއެޗްއޯގެ އޮފިޝަލެއް ކަމަށްވާ ޓެރެސާ ޒަކަރިއާ ވިދާޅުވީ ބޯޑަރު އަލުން ހުޅުވުމުން ބޯޑަރު ހުރަސް ކުރެވުނީ 99 ބަލި މީހުންނަށް ކަމަށާއި އެއާއެކު ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް މިހާތަނަށް ނެރެވުނީ ގާތްގަޑަކަށް 11،000 މީހުން ކަމަށެވެ. އެ މީހުންނަކީ ވަރަށް ހާލުދެރަ އަވަސް ފަރުވާއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ޑަބްލިޔުއެޗްއޯގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ފޮނުވުން ކަމަށާއި، ޣައްޒާއިން ބޭރަށް ދިޔުމަށް ބޭނުންވެފައިތިބި 18،000 މީހުން އަދިވެސް އެބަ ތިބި ކަމަށް ޓެރެސާ ވިދާޅުވިއެވެ. އަދި އޭގެއިތުރުން ޣައްޒާއިން ނުކުމެވޭނެކަމުގައި އިންތިޒާރުގައި ތިއްބާ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޯޑަރު ހުޅުވުމުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު، މި ވަގުތު ލިބެން ހުރި ތަކެތި އާންމު ރައްޔިތުންނަށް ނުފުދޭނެ ކަމަށް ޓެރެސާ ވިދާޅުވިއެވެ.
ރަފަހު ބޯޑަރަކީ އިންސާނީ އެހީ ވެއްދުމަށާއި ޣައްޒާއިން ބޭރަށް ދިޔުމަށް ވެސް މުހިންމު ސަރަހައްދެއް ކަމަށްވާއިރު، 2024 ވަނަ އަހަރުން ފެށިގެން އިސްރާއީލު ސިފައިން އޮންނަނީ އެ ބޯޑަރު ބަންދުކޮށްފައެވެ.
ބޯޑަރު ހުޅުވި ނަމަވެސް އެ ސަރައްދުން މީހުންނަށް ދަަތުރުކުރެވޭނީ ވަކި އަދަދަކަށް ކަމަށް، ފަލަސްތީނުގެ ސަރަހައްދުތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރު އޮފް ގަވާމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓޯރީސް (ކޯގަޓް) އިން މީގެކުރިން ބުނެފައިވެއެވެ.