2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" އަދި "ޖީއެމް ފޯރަމް" ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
މިއީ ހޮޓެލިއާ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ.
ދިރާގުން ބުނީ މި އާކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުން އަނެއްކާވެސް ކަށަވަރުވެފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން، ދާއިރާގެ އިސްވެރިންގެ މެދުގައި ބިނާކުރަނިވި އަދި މާނަހުރި މަޝްވަރާތަކަށް ފުރުސަތު ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ފާހަގަކުރުމަށް ބާއްވާ ސިލްސިލާގެ ތިންވަނަ އެވޯޑް ހަފުލާއެވެ.
މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް ޕްރޮގްރާމެވެ.
ބާރަވަނަ ފަހަރަށް ބާއްވާ ޖީއެމް ފޯރަމް 2026 އަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން އެއް ތަނަކުން ބައްދަލުވާ އެންމެ މުހިންމު އެއް ހަރަކާތެވެ.
މި ފޯރަމަކީ މި ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ހުޅުވާލައިދޭ މުހިންމު ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގީ މަވައްޒަފުންގެ މައްޗަށް. 'ހޮޓެލިއާ މޯލްޑިވްސް' އާއެކު އަޅުގަނޑުމެންގެ މި ގުޅުން ދެމެހެއްޓުމަކީ، މި ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް. ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް
''ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ދިރާގާއެކު އޮތް ގުޅުން ދެވަނަ އަހަރަކަށް އާ ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަދި ޖީއެމް ފޯރަމް އިތުރަށް ހަރުދަނާކުރުމުގައި ދިރާގުން ދޭ އެއްބާރުލުމަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެއް. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންގެ އަގުވަޒަންކުރުމަށާއި ސިނާއަތުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމަށް ބޭނުންތެރި މަޝްވަރާތައް ކުރުމަށް މަގުފަހިވެގެންދޭ،" ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު އަލީ ނާފިޒް ވިދާޅުވިއެވެ.
ދިރާގުން ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ހަރަކާތާ ގުޅޭ އިތުރު މަޢުލޫމާތާއި، ޕްރޮގްރާމްގެ ތަފުސީލުތައް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އާންމުކުރެވޭނެ ކަމަށް ބުނެފައެވެ.