"ވަރަށް ގިނަ ޒަމާންތައް ވަންދެން ސިޔާސީ ދެކޮޅުވެރިކަމާއި، ސިޔާސީ ފިތުނައިގައި މި އައްޑޫގެ ރައްޔިތުން ހޭދަކޮށްފި، އައްޑޫ ރައްޔިތުންނަށް ހައްޤު މިންވަރު ނުލިބޭ. ފެނިގެންދަނީ ސިޔާސީ ޕާޓީތަކުގެ ވެރިން ރުއްސަން، ނޫނީ ޕާޓީގެ ރުހުން ހޯދާން، ކަމެއް ގޯސްވިޔަސް އެވާހަކަ ދައްކަން ފަސްޖެހިފައި ތިބޭތަން. އެހެން ނޫނީ ކުރާ އެއްވެސް ކަމެއް ކަމުނުދާ ހިސާބަށް ނަފްރަތުގެ ހުޅު ރޯކޮށްގެން ތިބޭތަން. މިކަން ބަދަލުކުރާން ޖެހިއްޖެ. މިކަން ކުރެވޭނީ، ރައްޔިތުންގެ ފަޅިން މަސައްކަތް ކޮށްގެން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެ،" އައްޑޫ ސިޓީގެ މޭޔަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ އަހްސަމް އޭނާގެ ވާހަކަ ފެށި ހިސާބަކީ ވެސް މިއެވެ.
އަހްސަމަކީ، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އައްޑޫ ހައި ސްކޫލްގައި ތައުލީމް ހާސިލްކުރި ދައުރުން ފެށިގެން އިޖްތިމާއީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅެފައިވާއިރު، އައްޑޫގައި ފުރަތަމަ ޤާއިމްކުރި ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ގިނަ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި، އިންސާނީ ހައްޤުތަކާ ގުޅޭ ވޯކްޝޮޕްތައް ހިންގުމާއި ތިމާވެށި ހިމާޔަތްކުރުމަށް އައްޑޫގައި ހިންގި ހަރަކާތްތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން، ސިޔާސީ މަސައްކަތުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން އައްޑޫގައި ބޭއްވި ހަރަކާތްތަކުގައި ވެސް އިސް ދައުރެއް އަހްސަމް އަދާކުރިއެވެ. އޭގެ ފަހުން، މަސްވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، އާއިލީ މަސްވެރިކަމުގެ ވިޔަފާރިއެއްގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.
އަހްސަމްގެ ބައްޕަ، މުޅި އައްޑޫއަށް މަޝްހޫރު، ބެއްޔާގެ ހަސަނާ އެކު މަސްވެރިކަމުގެ އުފެއްދުންތައް އައްޑޫގެ އަވަށްތަކަށް ފޯރުކޮށްދިނުމުގައި، ބުރަ މަސައްކަތްތަކެއް ވެސް ކުރިއެވެ. އެހެނަސް، އައްޑޫގައި ހުރެ ވަޒީފާގެ ފުރުސަތު ހޯދުމަށް ހުރި ދަތިތަކާއެކު އައްޑޫގެ ގިނަ ޒުވާނުންނެކޭ އެއްފަދައިން ފުރައިގެން އޭނާ ވެސް ދާން ޖެހުނީ އައްޑޫއާ ދުރަށެވެ. މޭޔަރު ކަމަށް ވާދަކުރަން ނިކުތުމާއި ހަމައަށް މަސައްކަތް ކުރަމުން ގެންދަނީ (ރިސޯޓުގެ) އެންމެ ބުރަ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގައެވެ.
މޭޔަރު ކަމަށް ނިކުތީ ކީއްވެ؟
އަހްސަމް ބުނާ ގޮތުން މޭޔަރު ކަމަށް ވާދަކުރަން، އަދި ސިޔާސީ މަސައްކަތް ކުރަން ނިކުތީ އެ މަގާމުގެ ބޭނުމުގައި ނޫނެވެ. އެއީ ދައުލަތުގެ ޚަރަދުގައި ކާރު ދުއްވައި، ދަތުރުފަތުރުކުރަން ލައިސަންސެއް ހޯދަން ކުރާ ކަމެއް ނޫނެވެ. އޭނާ ސިޔާސީ މަސައްކަތް ކުރަން ނިކުތް މައިގަނޑު ސަބަބަކީ، އައްޑޫގައި ތިބި ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކާއި، ޚާއްސަކޮށް އައްޑޫގައި ތިބި ޒުވާނުންގެ ހަގީގީ ބައިވެރިވުން ނެތި، އެ މީހުން ''ފަސިންޖަރު ސީޓު''ގައި ބައިތިއްބާފައި ތިބޭ ތިބުން ބަދަލުކުރަން ބޭނުންވުމެވެ.
"ޓީނޭޖް އުމުރުގައި ނިކުމެ ސިޔާސީ މަސައްކަތް ވެސް ކުރިން، އިޖްތިމާއީ މަސައްކަތް ކުރިން. އެކަމަކު މި ނިޒާމު މިއޮތްގޮތަކީ، ކިތަންމެ ކިޔެވިޔަސް، ކިތަންމެ ތަޖުރިބާއެއް ހުއްޓަސް އެމީހާ ވެސް އަދި ޒުވާނުން ތިބެންޖެހޭނީ ވޯޓު ލާން. ކެމްޕެއިން ކުރަން. މިއީ ހައްޤު މިންވަރެއް ނޫން. ސިޔާސީ ޕާޓީތަކަށް ރިމޯޓު ދީގެން އެމީހުން އަންގާ ގޮތަކަށް ނަށަން ތިބެވޭކަށް ނެތް." އަހްސަމް އޭނާ ސިޔާސީ މަސައްކަތަށް ނިކުތް ސަބަބާ ގުޅޭގޮތުން ކިޔައި ދިނެވެ.
އަހްސަމް ބުނާގޮތުގައި، އައްޑޫގެ ޒުވާނުން ޕަސެންޖަރު ސީޓް އިން ޑްރައިވަރު ސީޓަށް ދާން ޖެހޭ ވަގުތު ޖެހިއްޖެއެވެ. އަދި ޚާއްސަކޮށް ތަޖުރިބާ އާއި ތައުލީމީ ފަރާތްތައް ހަވާސާގައި ބައިތިއްބައިގެން އައްޑޫ ތަރައްޤީކުރެވޭނެ ފޯމިއުލާއެއް ނެތެވެ. އޭނާގެ ނަޒަރުގައި އެކަން އެގޮތަށް ކުރުމަކީ އައްޑޫއަށް ލިބިފައި އޮތް ވަރަށް ބޮޑު ނިކަމެތި ކަމެއް ވެސް މެއެވެ.
"މި އައްޑޫ އަކީ މި ރާއްޖޭގެ ތައުލީމީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ވެސް އެންމެ ފުންނާބު އުސް ފަރާތްތައް ތިބިތަން. އެކަމަކު އެ ތައުލީމު އެ ތަޖުރިބާ މި ސިޓީއަށް ފައިދާ ހުރި ގޮތުގައި ބޭނުން ނުކުރެވޭ ނޫންތޯ؟ ސިޓީ ކައުންސިލްގެ ނިންމުންތައް ނިންމާއިރު، ހަގީގީ މާނައިގައި އެފަރާތްތައް ކީއްވެތޯ ބައިވެރި ނުކުރެވެންވީ؟" އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތްތައް ރޭވިފައި އަދި ކުރެވެމުންދާ ގޮތާ ގުޅޭގޮތުން އަހްސަމް ކިޔައި ދިނެވެ.
އަހްސަމް ދެކޭ ގޮތުގައި، އައްޑޫގެ ކަންކަން ނިންމާއިރު، އެކަށީގެންވާ ގޮތެއްގައި، އައްޑޫއަށް ނިސްބަތްވާ ހުރިހާ ސިޔާސީ ފިކުރެއްގެ މީހުން އެކަތިގަނޑަކަށް ހަދައިގެން ވަރަށް ގިނަ ކުރިއެރުން ހޯދޭނެއެވެ. މޭޔަރު ކަމަށް ވާދަކުރާއިރު، އަހްސަމްގެ އެންމެ ބޮޑު އަމާޒަކީ އެފަދަ ޕްލެޓްފޯމެއް ޤާއިމްކުރުމެވެ.
ތައުލީމާއި ތަޖުރިބާ ހުރި ކިތައް މީހުން އެބަތިބިތޯ. އަޅުގަނޑުގެ ހުށަހެޅުމަކީ، އެފަރާތްތަކުގެ ޕޫލްތައް ޤާއިމްކުރުން. މާނައަކީ އައްޑޫ ސިޓީ ކައުންސިލްގެ ޕޮލިސީތައް ނިންމުންތައް ޕްލޭންތައް ނިންމާނީ މިދެންނެވި ފަރާތްތައް ވެސް ބައިވެރިކޮށްގެންނޭ
އަހްސަމް ދެކޭ ގޮތުގައި، މިހާރު ބާއްވާ އުސޫލުން ރައްޔިތުންގެ ބައްދަލުވުން ނަމެއްގައި ނުބާއްވައި، ތައުލީމާއި ތަޖުރިބާ ހުރި މީހުންގެ ''ޕޫލްތައް'' އެކުލަވާލައިގެން އެކަން ކުރެވިދާނެއެވެ. މިސާލެއްގެ ގޮތުން ނެންގެވީ، ފަތުރުވެރިކަމުގެ ދާއިރާގައި ތިއްބެވި ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކާއި އެކު ބައްދަލުވުން ބޭއްވިދާނެ ގޮތްތަކެވެ. އެގޮތުން އެ ފަރާތްތަކާ އެކު ފޯކަސް ގްރޫޕް ޑިސްކަޝަން ބޭއްވުމަކީ އޭގެ ހައްލުކަމަށް އަހުސަމް ދެކެވެ.
ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކައުންސިލް ހިންގުން
ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތައް ކައުންސިލާ ހަމައަށް ގެނައުމުގެ އިތުރަށް އޭނާގެ އަމާޒަކީ، ނަޒާހަތްތެރި ދެފުށް ފެންނަ ގޮތަކަށް ކައުންސިލް އިދާރާގެ ހިންގުން ބައްޓަން ކުރުމެވެ. އެކަން ކުރަން އައްޑޫގެ ހުރިހާ ރައްޔިތުން އެދޭއިރު، މިހާރު ކައުންސިލްގެ ނިންމުންތަކަކީ، ''ޚުލާސާ ރިޕޯޓެއް'' ސިފައިގައި ނެރެވޭ އަހަރީ ރިޕޯޓެއް ކަމަށް އަހްސަމް ފާހަގަކުރިއެވެ.
''އަހަރީ ރިޕޯޓު ސިފައިގައި ނެރުނީމާ އޭގެ ސަބަބުން އަސްލު ރައްޔިތު މީހާއަށް ޖަވާބުދާރީ ވުމެއް ނޫން އެއީ ހަގީގީ މާނައެއްގައި. ކައުންސިލުން ޕްރޮޖެކްޓެއް ހަވާލުކުރި ގޮތް، އިވެލުއޭޝަން ކުރިއަށް ދިޔަ ގޮތް، ބިން ހަވާލުކުރި ގޮތް، މުދަލެއް ނޫނީ ޚިދުމަތެއް ހޯދަން ކޯޓޭޝަން ހޯދި ގޮތާއި ހޯދީ ކޯއްޗަކަށް ކަން ވެސް އެނގެން ޖެހޭނެ. މިއީ އިދާރީ ސިއްރަކަށް ވާކަށް ނުޖެހޭ," އަހްސަމް ބުންޏެވެ.
އަހްސަމް ހުށަހަޅާ ހައްލަކީ، ކައުންސިލް އިދާރާއަށް ރައްޔިތުންނަށް އޮބްޒާވަރުން ގޮތުގައި ދެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. ގަވާއިދެއްގެ ދަށުން އެ ފުރުސަތު ހުޅުވާލައި، ކައުންސިލުގެ މާލީ ކަންކަމާ ގުޅުން ހުރި ލިޔުން ސީދާ ކައުންސިލް އިދާރާއަށް ހާޒިރުވެ ބެލޭނެ އިންތިޒާމު ރައްޔިތުންނަށް ހަމަޖައްސައި ދިނުމަކީ އޭނާގެ ވައުދެކެވެ.
އައްޑޫގެ އުފެއްދުންތައް މާކެޓަށް ނެރެން އެހީތެރިކަން ދިނުން
އައްޑޫ ބޮނޑި ނޫނީ އައްޑޫ ހަވާދަކީ ޒަމާނުއްސުރެ މުޅި ރާއްޖޭގައި މަޝްހޫރު ބާވަތްތަކެވެ. އެ މަސައްކަތް ކުރާ މީހުން އައްޑޫގެ އަވަށްތަކުގައި ގިނައެވެ. އެހެން ނަމަވެސް، އެ މަސައްކަތް ފުޅާކުރުމަށް އޮތް ހުރަހަކީ ރާއްޖޭގެ ކަންކޮޅުތަކަށް، ޚާއްސަކޮށް މާލޭގެ ބާޒާރަށް އެތަކެތި ފޮނުވުމުގައި ހުރި ދަތިތައް ކަމުގައި އަހުސަމް ގަބޫލުކުރެއެވެ. އެހެންވެ އެކަން ހައްލުކުރުމަށް، ކައުންސިލްގެ ފަރާތުން، ފްރައިޓް ސަބްސިޑީއެއް ތައާރަފް ކުރުމަކީ އޭނާގެ ވިސްނުމެކެވެ. ބޭނުމަކީ މާލީ އެހީތެރިކަމެއް ދީގެން އައްޑޫގެ އުފެއްދުންތައް މާކެޓަށް ނެރެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެކަން ކުރާނީ، ކައުންސިލްގެ ބަޖެޓްގެ ތެރެއިން ވަކި އަދަދެއް، މި ސަބްސިޑީ ދިނުމަށް ކަނޑައަޅައި، އެކަމަށް ޚާއްސަ އުސޫލެއް ހަދައިގެންނެވެ.
ކުޅިވަރު ޖަމިއްޔާތައް ކޮޅަށް ޖެހުން
އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުޅިވަރު ޖަމިއްޔާތައް ހިންގާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ގޮތުން ހުރި ގޮންޖެހުންތަކެވެ. ކޮންމެ މުބާރާތަކަށް ސްޕޮންސަރޝިޕް ހޯދަން ޒުވާނުން ކުރަންޖެހޭ ބުރަ އަދި ހިތްދަތި މަސައްކަތް ނިމުމަކަށް ގެނެވިދާނެ މަގެއް ކައުންސިލަށް ކޮށައި ދެވޭނެ ކަމަށް އަހުސަމް ގަބޫލުކުރެއެވެ. އެކަން ކުރުމަށް އޭނާ ގިނަ ޒުވާނުންނާ ކުރި މަޝްވަރާއިން ލިބިފައިވާ ޚިޔާލަކީ ކްލަބް ޖަމިއްޔާތަކަށް އާމްދަނީ ހޯދޭނެ މަގެއް ކައުންސިލުން ފަހިކޮށްދިނުމެވެ.
"ވަރަށް ރަނގަޅު ޚިޔާލު ގިނަ ޒުވާނުން ހުށަހަޅައިފައި އެބަހުރި. މިސާލަކަށް ސަބްސިޑައިޒް ރޭޓެއްގައި ބިމެއް ދޫކޮށްގެން ކައުންސިލާއި އެ ކްލަބެއް ނުވަތަ ކްލަބްތަކެއް ގުޅިގެން ހިންގާ މޮޑެލް އަށް ވެސް އައްޑޫގައި ކުރެވިދާނެ ވިޔަފާރިތައް އެބަހުރި، އެފަދަ ކަމެއް ހިންގިދާނެ." އަހްސަމް ބުންޏެވެ.
އަހްސަމްގެ ވިސްނުމަކީ އައްޑޫގައި ހިންގާ ކްލަބްތަކާއި ޖަމިއްޔާތަކަކީ، އައްޑޫ ސިޓީ ކައުންސިލަށް ނޫނީ ސިޔާސީ ބަޔަކަށް އެކަނި ޑިޕެންޑްވާން ނުޖެހޭ ބައެއްގެ ގޮތުގައި ހަދައި އެ މީހުން ބާރުވެރި ކުރުވުމެވެ. އެކަމަށް މަސައްކަތް ކުރާއިރު، ކްލަބް ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭން އައްޑޫ ސިޓީ ކައުންސިލުން ދޭ ބައެއް ޚިދުމަތްތަކުން ނަގާ ފީތައް ކުޅިވަރު ޖަމިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް ޚާއްސަކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް އަހްސަމް ބުންޏެވެ.
ރައްޔިތުންނަށް ދޭ ޔަގީންކަން
އަހްސަމް އައްޑޫގެ ރައްޔިތުންނަށް ދޭ އެންމެ ބޮޑު ޔަގީންކަމަކީ ސިޔާސީ ފިކުރަށް ބަލައި މީހުންގެ މެދުގައި ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަމެވެ. މޭޔަރަކަށް ހޮވޭ ހިސާބުން، އޭނާ ހޯދަން އޮފީހަށް އެޕޮއިންޓްމަންޓް ނުލިބިގެން އާދޭސް ކުރަން ނުޖެހޭނެ ކަމަށާއި، ރައްޔިތުންނަށް އޮންލައިން ނިޒާމެއްގެ ތެރެއިން ޚިޔާލާއި މަޝްވަރާ ހުށަހެޅޭނެ މަގު ފަހިކުރާނެ ކަމަށާއި، ރައްޔިތުން ގާތަށް ދާނީ އޭނާ ކަމަށް އަހްސަމް ޔަގީންކަން ދެއެވެ.
"ﷲ އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް ޚިޔާނާތްތެރި ނުވާނަން. ކައުންސިލްގެ ހިންގުން ބައްޓަން ކުރާނީ ހާމަކަމާ އެކު އައްޑޫގައި ތިބި އިލްމީ، އަދި ޤާބިލް ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން."