އިހަވަންދޫ ކައުންސިލުގެ މިހާރުގެ ރައީސް އަޙްމަދު ޞަބާޙާއި އިންތިޚާބީ ކައުންސިލަރަކާއި އަންހެނުންގެ ކޮމިޓީ މެންބަރަކު ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.
އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް، މިދިޔަ ކައުންސިލު އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ޞަބާޙްގެ އިތުރުން ދެން ސޮއިކުރެއްވީ އިންތިޚާބު ކައުންސިލަރު މުޙައްމަދު ފިރާޤާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބީ މެންބަރު ޙަލީމަތު ޚުރާސަތެވެ.
ދެ ބޭފުޅުން ވެސް އިންތިޚާބުވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވައެވެ.
ތިން ބޭފުޅުންގެ ވެސް ފޯމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ކައުންސިލު އިންތިޚާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އަމިއްލަގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި އެ މެންބަރުންނަކީ ޕީއެންސީއަށް ތާއީދުކުރައްވައި، މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅުން ކަމަށެވެ.
ފަލާޙް ވަނީ އަމިއްލަ ކެންޑިޑޭޓުންނާއި އެހެން ޕާޓީތަކުން އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުން ޕީއެންސީއާ ގުޅުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް، ޕީއެންސީއަށް މިހާތަނަށް ސޮއިކުރެއްވީ ކިތައް ކައުންސިލަރުންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފަލާޙް ވަނީ، އެ އަދަދު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ދެ ހަފުތާ ކުރިން ވެސް އިންތިޚާބީ ދެ ކައުންސިލަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.