ރޯދައަށް ވިޔަފާރި ކުރާއިރު ވެސް ސްކޭމް ކުރާތީ، ސަލާމުވާން އިލްތިމާސެއް

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް ހިންގި ހަރަކާތެއް: ރޯދައަށް ވިޔަފާރި ކުރާއިރު ވެސް ސްކޭމް ކުރާތީ، ސަލާމުވާން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ކުރިއަށް އޮތް ހަފުތާ ތެރޭގައި ފެށޭ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ވިޔަފާރި ކުރަމުން އަންނައިރު، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރޯދަމަހަށް ތައްޔާރުވުމަށް ތަކެތި ގަތުމުގައި އެންމެން އަވަދިނެތި އުޅޭއިރު، ސްކޭމަރުން ދަނީ އެފަދަ ދަނޑިވަޅުތަކުގެ ފައިދާ ނަގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ، މި ދުވަސްވަރަކީ ގިނަ ބަޔަކު، ރޯދަމަހަށް ތައްޔާރުވުމަށް ގޭތެރޭގެ ސާމާނު އާކުރުމާއި ކާބޯތަކެތި ގަތުމުގައި ވަރަށް އަވަދިނެތި އުޅޭ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ފޭސްބުކް މާކެޓްޕްލޭސް ފަދަ ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރިތަކުން ކުރާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަހުނީޒު ވިދާޅުވީ، ސްކޭމްކޮށްގެން ރިޕޯޓުކުރާ މައްސަލަތަކުގައި، ތަކެތި ގަންނަ މީހާ ގިނަ ފަހަރު އެއީ އަސްލު ވިޔަފާރިއެއްތޯ ކަށަވަރު ނުކޮށް އަދި މުދާ ނުލިބެނީސް ފައިސާ ފޮނުވާކަން ފާހަގަވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސަކީ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރު ކުރުން، ކަށަވަރު ކުރެއްވޭނެ މިހާރު ބިޒްނަސް ޕޯޓަލްގެ ތެރެއިން، ބިޒްނަސް.އީގަވް.އެމްވީ އެ ލިންކުން ބަލައިލެވޭނެ ރެޖިސްޓާޑް ބިޒްނަސްއެއްތޯ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އިލްތިމާސަކީ، އޮންލައިން ވިޔަފާރީގައި ފަރުދުންގެ އެކައުންޓުތަކަށް ފައިސާ ޓްރާންސްފާ ނުކުރުން ކަމަށާއި، މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުން ކަމަށް ވެސް ޝަހުނީޒު ވިދާޅުވިއެވެ.

ފުލުހުން ވަނީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު ޔަގީންކަން ނެތް ލިންކުތަކަށް ނުފިތުމަށާއި އަމިއްލަ ބޭންކިންގް މައުލޫމާތާއި އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ހަނދާންކޮށްދީފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ސްކޭމްގެ 58 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 45 މައްސަލައެއް ގުޅިފައިވަނީ އޮންލައިންކޮށް ކުރި ވިޔަފާރިތަކާއެވެ.

comment ކޮމެންޓް