މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު "އެންމެނަށް ބޯހިޔާވަހިކަން"ގެ ދަށުން ހުޅުވާލި ފުލެޓުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މިހާތަނަށް 3،600އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މިހާތަނަށް ހުށަހަޅާފައި ހުރި އަދަދުތަކުން ފުލެޓަށް އޮތް ޑިމާންޑު ބޮޑު ކަމަށެވެ.
އެގޮތުން، މިހާތަނަށް 3،651 ފޯމު ފުލެޓަށް އެދި ހުށަހަޅާފައިވާ ކަމަށާއި 10،000 އެއްހާ ފޯމު ޑްރާފްޓިން މަރުހަލާގައި އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ލަފާކުރެއްވި ގޮތުގައި، އެހާ ޑިމާންޑު ބޮޑުވީ ސަރުކާރުން ތިން ކޮޓަރީގެ ފުލެޓުތަކަށް ކުރިމަތިލާން ހުޅުވާލުމުންނެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ/ ރައީސް އޮފީސް
މިހާތަނަށް 3،600 މީހުން ފުލެޓަށް ހުށަހަޅާފައި އޮތް ނަމަވެސް، ސްކީމުގެ މުއްދަތު ހަމަވާން ކައިރިވުމުން ފޯމު ހުށަހަޅާނެ މީހުން ގިނަވާނެ ކަމަށް މުއްތަލިބް ގަބޫލުކުރައްވައެވެ.
އޭގެއިތުރަށް، އެ ސްކީމުގެ ތެރެއިން ބޯހިޔާވަހިކަމަށް ކުރިމަތިލާއިރު، އަވަސް އަރުވާލައިގެން ހުށަނޭޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި، ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށް ފަހުގައި، ހުށަހެޅުމަށް މުއްތަލިބް ވަނީ އިލްތިމާސްކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން އުޅެނީ އެއްވެސް ބަޔަކަށް ފުރުސަތު ހަނިކުރާކަށް ނޫން ކަމަށާއި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް އެކަން ކޮށްދޭން ކަމަށެވެ.
އަންނަ މާރިޗު ފަސްވަނަ ދުވަހުގެ 23:59އަށް ފުލެޓަށް އެދި ފޯމު ހުށަހެޅެއެވެ.
މި ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.