މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު 'އެންމެނަށް ބޯހިޔާވަހިކަން'ގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި 518 ހުށަހެޅުމެއް މިދިޔަ 24 ގަޑިއިރު ތެރޭ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލީ އިއްޔެއެވެ. އޭގެ ފަހުން ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިހާތަނަށް 518 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން، ފުލެޓަށް އެދި 399 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ގޯތި ހޯދަން ވަނީ 119 ފޯމެއް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ޑްރާފްޓިން ސްޓޭޖުގައި 3،836 ފޯމު ހިމެނޭ ކަމަށެވެ.

ސަރުކާރުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ރަސްމާލެ ހިއްކަނީ: ފުލެޓާއި ގޯއްޗަށް އެދި، 24 ގަޑިއިރުން 518 ހުށަހެޅުމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނި --- ފޮޓޯ/ އެމްއޭސީއެލް
ހައުސިން މިނިސްޓްރީން، ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލީ ވެބްސައިޓެއް މެދުވެރިކޮށެވެ. މި ގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައިވަނީ އަންނަ މާރިޗު ހަތަރެއްގެ 23:59އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ، އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ގޯއްޗާއި ފުލެޓު ދޫކުރުމަށް އިއުލާންކުރިއިރު، އެ މަރުހަލާ ކުރިއަށްގެންދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ސަރުކާރުން އަދިވެސް އަންނަނީ އެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާފައި ----- ފޮޓޯ/ އެމްއޭސީއެލް
އެކަމަކު، މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ.
އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ.
ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި މިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާނުކުރެއްވެވިއެވެ. ނަމަވެސް، އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވައެވެ.