މިދިޔަ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާއަށްވުރެ، މި މަހުގެ ފުރަތަމަ ހަފުތާގައި މާލޭގައި އެކްސިޑެންޓު މަދުކަމަށް ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް މާލެއާއި ބުރިޖު ހައިވޭ ހިމެނޭހެން ޖުމްލަ 63 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ނަމަވެސް މިދިޔަ މަހުގެ އެ މުއްދަތުގައި 67 އެކްސިޑެންޓް ހިނގައިފައިވެއެވެ.
މިއަދު ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބްރިޖާއި ހައިވޭ ހިމެނޭ ސަރަހައްދުގައި ހިނގި 63 އެކްސިޑެންޓްގެ ތެރެއިން، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެއީ ޖުމްލަ 47 އެކްސިޑެންޓެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަސް ކަމަށްވާ، ފެބްރުއަރީ ފަސް ވަނަ ދުވަހެވެ. އެ ދުވަހު 16 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު މިމަހުގެ އެއްވަނަ ދުވަހު 12 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށާއި މީގެތެރެއިން ގިނައީ ސައިކަލު އެކްސިޑެންޓުތައް ކަމަށެވެ.
އެގޮތުން ސައިކަލާއި ސައިކަލު ޖެހިގެން 23 އެކްސިޑެންޓެއް އަދި ސައިކަލާއި ކާރު ޖެހިގެން 15 އެކްސިޑެންޓެއް ހިނގާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިދިޔަ ހަފުތާގެ އެކްސިޑެންޓުތަކުގައި 62 މީހަކަށް ކުދި އަނިޔާ ލިބުނު ކަމަށާއި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވެހިކަލް ދުއްވާ މީހުން މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ދުއްވާއިރު އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ މުއައްސަސާއަށް މި އަހަރު 1,325 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން، 380 އެކްސިޑެންޓެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވެއެވެ.
މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގައިފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ. އަދި އެހެން އެކްސިޑެންޓުތަކުގައި މީހުންނަށް، ދާއިމަށް ހުންނަ ފަދަ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.