ކައުންސިލް އިންތިޚާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލައި، ހަފުތާއެއް ދީފި

އިންތިޚާބެއްގައި މަސައްކަތް ކުރި އޮފިޝަލެއް: ކައުންސިލް އިންތިޚާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލައި، ހަފުތާއެއް ދީފި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރީ ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ހުޅުވާލައިފިއެވެ.

ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން، އެހެން ތަނަކަށް ނުވަތަ ރަށަކަށް ބަދަލުކުރުމުގެ ފުރުސަތު އީސީން ފުރުސަތު ދިނީ، އަންނަ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.

އީސީން ބުނީ، އެ މުއްދަތުގައި ރީ ރަޖިސްޓްރީވާން ހުށަހަޅާނީ، 2024ގައި މަޖިލީސް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރަން ބޭނުންވާ މީހުން ކަމަށެވެ.

އެގޮތުން، މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މީހަކު ވޯޓުލަނީ: ކައުންސިލް އިންތިޚާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލައި، ހަފުތާއެއް ވަނީ ދީފައި -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް އެ މުއްދަތުގެ ތެރޭގައި، ވޯޓުލާ ތަން ބަދަލުކުރުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކަމަށް އެދި ހުށަހަޅާނީ، "ރީ ރަޖިސްޓްރޭޝަން ޕޯޓަލް" ނުވަތަ މައި ޕޯޓަލް މެދުވެރިކޮށެވެ.

އޭގެއިތުރަށް، މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސްކޮށްގެން ޗެކުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން އަންނަނީ، ކެމްޕެއިން ކުރަމުންނެވެ.

comment ކޮމެންޓް