މާލޭގެ ސުނާމީ ބިނާ ސަރަހައްދު ތަރައްގީކުރުމަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މިއަދު އަންގައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00ގެ ކުރީން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް އެދިފައެވެ.
ފުލުހުން ވަނީ ހުސްކުރަންވާ ސަރަހައްދު އާންމުންނަށް ސާފުވާނޭ ގޮތަށް ޗާޓުގައި ކުރަހައި އާންމުކޮށްފައެވެ.
މައިޒާނުގެ ބައެއް ތަންތަން ވަނީ މިހާރު ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން ތޮށިގަނޑާވީ ދިމާލުން މައިޒާނުގެ ވޯކްވޭތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ދަށުން ވެލިގަނޑު ގަނބައިގަނެ ވަނީ އަޑިއަށް ގޮސްފައެވެ.
މީގެ އިތުރުން ސުނާމީ ބިނާގައި ހުރީ ދަބަރު ވެސް ޖަހައިފައެވެ.
ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މީގެ ދެމަސް ދުވަސް ކުރީން ނިމިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސުނާމީބިނާގެ މަސައްކަތް ނިންމާލުމެވެ.
ސުނާމީ ކާރިސާއަށް 21 އަހަރު ފުރުނީ މިދިޔަ އަހަރުގެ ޑިސެންބަރު 26ގައެވެ. އެ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުން ތައްޔާރުކުރި ސުނާމީ ބިނާ އެންމެ ފުރަތަމަ ބެހެއްޓީ މާލޭ ލޮނުޒިޔާރާތްކޮޅުގައެވެ.