ބުރިޖު ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާފަޅީގެ ކާރު ލައިނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައި ދިޔަ ކާރެއް ޖެހި، އެ ކާރު ސައިކަލު ލޭނަށް އެރި ވަގުތު އިތުރު ހަތަރު ސައިކަލެއް ކާރުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށާއި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުން ދާކަމަށެވެ.
މި އެކްސިޑެންޓު ހިނގައިފައި ވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.