މޯލްޑިވް ގޭސް ލިބުމުގައި ލަސްތަކެއްވެ، ޝަކުވާ ކުރަނީ

މޯލްޑިވް ގޭސްގެ ޑެލިވަރީއެއް: މޯލްޑިވް ގޭސް ލިބުމުގައި ލަސްތަކެއްވެ، ޝަކުވާތައް ވަނީ އިތުރުވެފައި --

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން ގޭސް އޯޑަރު ކުރުމުން، ގޭސް ލިބުން އާދަޔާ ޚިލާފަށް ލަސްވާކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަން ފަށައިފިއެވެ.

މިއަދު 12:29ހާއިރު މޯލްޑިވް ގޭސްއަށް އޯޑަރު ކުރި މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މީގެ ކުރިން އެ ކުންފުނިން އާންމުކޮށް 10 ކިލޯގެ ގޭސް ފުޅި ދޫކުރާ ނަމަވެސް، މިއަދު އެ ކުންފުނިން ވަނީ އެ ވަގުތު ދޫކުރެވެން ހުރީ ހަތް ކިލޯ ކަމަށް ބުނެފައެވެ. އަދި އޯޑަރަށް ފައިސާ ނެގީ ވެސް ހަތް ކިލޯގެ ގޭހަށް ވާވަރަށް ކަމަށް ކަސްޓަމަރު ބުންޏެވެ.

މެންދުރުފަހު ދިން އެ އޯޑަރަށް، މިހާތަނަށް ވެސް ގޭސް ލިބިފައިނުވާ ކަމަށް އެ މީހާ ބުންޏެވެ.

އިތުރު މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި، އޭނާގެ ގެޔަށް ގޭސް ފުޅިއަކަށް އޯޑަރު ދިނުމުން، ނުލިބި ލަސްވާތީ އޭނާ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅިއެވެ. އެ ސެންޓަރުން މައުލޫމާތު ދިން މީހާ ވަނީ، ގޭސް ލިބުމުގައި ދަތިތައް އުޅޭ ކަމަށާއި ގޭސް ލިބުނީ ހަވީރު ކަމަށް ބުނެފައި ކަމަށް، ކަސްޓަމަރު ކިޔައިދިނެވެ.

އެ ގެއަށް ގޭސް ލިބިފައިވަނީ އޯޑަރު ޖެހިތާ ހަތް ގަޑިއިރު ފަހުންކަން އޭނާ ފާހަގަކުރިއެވެ.

މޯލްޑިވް ގޭސްގެ އޮފީހެއް: ގޭހަށް އޯޑަރު ދިނުމުން، ގޭސް ފުޅި ލަސްވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައި --

"ސަން"އިން އިތުރު މަސްދަރުތަކުން މައުލޫމާތު ހޯދުމުން ވެސް އެނގިފައިވަނީ، ގޭސް ގޭގެއަށް ފޮނުވަމުން އަންނަ ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ލަސްވާ ކަމަށެވެ.

މޯލްޑިވް ގޭސްގެ މުވައްޒަފުންތަކެއް ނަން ނުޖަހާ ގޮތަށް މި ނޫހަށް ބުނެފައިވަނީ، އެ ކުންފުނިން ސްޓޮކް ހުސްވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާރު ގޭސް ވިއްކަމުން އަންނަނީ، ތިލަފުށީގައި ބޮޑު ސްޓޯރޭޖެއް ހުންނަ ވިލާ ކުންފުނިން ގަނެގެން ކަމަށެވެ.

މޯލްޑިވް ގޭހަށް އަމިއްލަ ސްޓޮކް އާ ކުރެވޭނީ މި މަހު 15 ހިސާބުގައި ބޯޓު އައުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މޯލްޑިވް ގޭސްގެ ރަސްމީ ބަހެއް ހޯދުމަށް "ސަން"އިން އިއްޔެއާއި މިއަދު ވެސް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބޭ ގޮތެއް ވެފައިނުވެއެވެ.

މީގެ ކުރިން މޯލްޑިވް ގޭހާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން، އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައެއް ބަލަމުން އަންނަކަން މިދިޔަ އޭޕްރިލް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.

https://sun.mv/216301

މިދިޔަ މަހުގެ ތެރޭގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވަނީ ގެއްލުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދު ޖުވާ ކުޅުމުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އަބްދުﷲ ވަނީ ތުހުމަތު ދޮގުކުރައްވައިފައެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭއިރު، މޯލްޑިވް ގޭސްއާ ގުޅުންހުރި މަނީ ލޯންޑްރިންގެ މައްސަލައެއް ބަލާ ކަމަށް ފުލުހުން ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް