ކުޅުދުއްފުށީގެ ކުނިގޮނޑުގައި ރޯވެ، ބޯ ދުން އަރަނީ

ކުޅުދުއްފުށީގެ ކުނިގޮނޑުގައި ރޯވެ އަނދަނީ --- ސްކްރީންޝޮޓް

ކުޅުދުއްފުށީ ސިޓީގެ ކުނިގޮނޑުގައި އަލިފާން ރޯވެ، ވަރަށް ބޯކޮށް ދުން އަރަން ފަށައިފިއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކުޅުދުއްފުށީގެ ކުނި ގޮނޑުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، ކަޅުކުލައިގެ ބޯ ދުންތަކެއް ދަނީ އަރަމުންނެވެ.

އަދި މުޅި ސަރަހައްދު ވަނީ ބޯ ދުމުން ފުރިފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް 'ސަން'އަށް ވިދާޅުވީ، ކުނިގޮނޑުގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ވެމްކޯއިން ދީފައިވާ ކަމަށެވެ.

"މިހާރު އެކި ސަރަހައްދުތަކުގަ ވަރަށް ބޮޑަށް ރޯވެފަ ހުރީ، ވަރަށް ބޮޑަށް ދުންވެސް އަރަމުން ދަނީ،" އާދަމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ކުނިގޮނޑުގައި އަލިފާން ރޯވުން: އެމްއެންޑީއެފްގެ ލޮރީއެއް ހަރަކާތްތެރިވަނީ --- ސްކްރީންޝޮޓް

އާދަމް ވިދާޅުވީ އަލިފާން ނިވާލުމަށް އެމްއެންޑީއެފާއި ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ސަރަހައްދުގައި ފުލުހުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ރެޑް ކްރެޒެންޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ އާ ގުޅޭގޮތުން ކުޅުދުއްފުށީގެ ވެމްކޯ ސައިޓްގެ މެނޭޖަރު މުޙައްމަދު ޤާސިމް 'ސަން'އަށް ވިދާޅުވީ، އަލިފާން ފުރަތަމަ ރޯވީ ހެނދުނު 11 ޖަހާކަން ހާއިރު ކަމަށާއި، އަލިފާން ބޮޑުވީ ސައިޓުގައި ތިބި މުވައްޒަފުންނަށް އަލިފާން ކޮންޓްރޯލް ނުކުރެވުމުން ކަމަށެވެ.

މިހާރު އަލިފާން ކޮންޓްރޯލްކުރެވިފައިވާ ކަމަށާއި ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންވެސް ސިފައިންވެސް އަދި ނުދެއެވެ.

comment ކޮމެންޓް