މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މުޅިން އަލަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އިފްތިތާޙުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފްތިތާޙުކުރުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ޓަކައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕޯޓަލް މެދުވެރިކޮށް، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ ވަގުތުން ބަލައިލެވޭނެއެވެ. މި ނިޒާމުގެ ތެރެއިން ސޮއިކުރާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ. މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި މަޖިލިސް މެންބަރުންނަށް ބަރޯސާވުން ކުޑަވެ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ކަންބޮޑުވުންތައް ފާޅުކުރުމުގެ މަގު ހުޅުވިގެންދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފްތިތާޙުކުރުން -- ފޮޓޯ: މަޖިލިސް

މި ޕޯޓަލް އިފްތިތާޙުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޕޯޓަލް ފަރުމާކޮށްފައިވަނީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.

މި ނިޒާމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން މިފަދަ ޑިޖިޓަލް ޕެޓިޝަން ނިޒާމެއް ގާއިމުކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.

މީގެ ކުރިން މި ސަރަޙައްދުގައި މިފަދަ ނިޒާމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ. މި އީ-ޕެޓިޝަން ޕޯޓަލްއަކީ ދެފުށް ފެންނަ، އިޖާބަދޭ، އަދި ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.

comment ކޮމެންޓް