ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް

ޒެލެންސްކީ

ކިޔޭވް (8 ފެބްރުއަރީ 2026) : ރަޝިއާއިން އިއްޔެ ޔޫކްރެއިންގެ ހަކަތައިގެ މަރުކަޒުތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް ދިނީ އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ކަމަށާއި އެއީ ހަނގުރާމަ ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންގެ ރޫހާ މުޅިން ޚިލާފު ހަމަލާތަކެއްކަމަށް ޔުކްރެއިންގެ ރައީސް ވްލަޑިމިޔަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާ މި ހަމަލާތައްދިނީ 400 އަށް ވުރެ ގިނަ ޑޮރޯންއާއި 40 ވަރަކަށް ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށާއި މިއީ ރަޝިއާ މިފަހަކަށް އައިސް ޔުކްރެއިންއަށް އެއް ދުވަހަކު ދިން އެންމެ ބޮޑު ގެއްލުންކަމުގައެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމާއި މަޝްވަރާގެ އުސޫލުތައް ދޫކޮށްލުމަށްފަހު ރަޝިޔާއިން ކޮންމެ ދުވަހަކު ޚިޔާރުކުރަނީ ޔުކްރެއިންނަށް ބޮޑެތި ގެއްލުންތަކެއް ދީ ހަނގުރާމަ ފުޅާ ކުރުމަށް ކަމަށް ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ 2017 ވަނަ އަހަރު ޖަރުމަނުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ

ޒެލެންސްކީ ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ ހަމަލާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. މިގޮތުން މި އަހަރުގެ ހޫނު މޫސުން ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް ޒެލެންސްކީ ގެންދަ ވަނީ މަކަރު ހައްދަވަމުންނެވެ. ޓްރަމްޕްގެ ޕްލޭން ގަބޫލުކުރާކަމަށް ޒެލެންސްކީ ވިދާޅުވެފައި އޭނާ އަމަލުކުރައްވަނީ އެއާ ޚިލާފަށެވެ.

ޕެސްކޯވް ވިދާޅުވިގޮތުގައި ހަނގުރާމައިން ރަޝިއާ ހާސިލް ކުރަންބޭނުންވާ މަގްސަދުތައް ހާސިލް ނުކުރެވޭނީސް ރަޝިއާ ހަމަލާތައް ހުއްޓައެއް ނުލާނައެވެ. އެކަމަށް ވިހި ތިރީސް އަހަރު ހޭދަވިނަމަވެސް ރަޝިއާ ހާސިލް ކުރަންބޭނުންވާ މަގްސަދުތައް ހާސިލް ނުކުރެވޭނީސް ރަޝިއާ އޮތީ ހަމަލާތައް ހުއްޓާލާގޮތަށް ނޫންކަން ޒެލެންސްކީ އާއި އޭނާއަށް ވާގިވެރިވާ ޔޫރަޕްގެ ލީޑަރުން ދަންނަން ޖެހޭނެ ކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

ރަޝިއާގެ މަގްސަދަކީ ރަޝިއާ ހިފާފައިވާ ބިންތަކާއި ކްރައިމިޔާ ރަޝިއާއަށް ދޫކޮށްލަން ޔުކްރެއިން އެއްބަސްވުމެވެ. އަދި ނޭޓޯ އާއި އެފަދަ އެއްވެސް އަސްކަރީ ޖަމާއަތަކަށް ޔުކްރެއިން ނުވަދެ ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމަށް ޔުކްރެއިން އެއްބަސްވެ އެއާ އެއްގޮތަށް ޔުކްރެއިންގެ ގާނޫނުތައް ބަދަލުކުރުމެވެ.

ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ ހަމަލާތަކާއެކު ޔުކްރެއިން އޮތީ މިހާރު ވަރަށް ދަތި ހާލުގައެވެ. ގައުމުގެ ބޮޑުބައެއްގައި ކަރަންޓެއް ފެނެއް ނެތެވެ. މުޅި ގައުމުވަނީ ފުނޑުފުނޑުވެފައެވެ. ޔުކްރެއިންގެ އެތައް މިލިޔަން ބަޔަކުވަނީ ރެފިއުޖީންނަށް ވެފައެވެ. ގައުމުން ބޭރުގައާއި ގައުމުގެ އެތެރޭގައެވެ.

ރަޝިއާ އެދޭގޮތަށް ސުލްހައިގެ ޕްލޭން ތަންފީޒު ކުރުމަށް ޔުކްރެއިން ދެކޮޅު ހަދަނީ ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން އެކަމަށް އޭނާއަށް ހިތްވަރު ދެއްވާތީ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޕެސްކޯވް ވިދާޅުވިއެވެ. ޔޫރަޕްގެ ލީޑަރުން އަދިވެސް ތިއްބެވީ ޔުކްރެއިނަށް ހަތިޔާރު ދީގެން ރަޝިއާ ބަލިކުރުމުގެ އަޒުމުގައި ކަމަށާއި ނަމަވެސް އެއީ ހުވަފެނެއްކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

comment ކޮމެންޓް