ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހެޅުއްވާފައިވާތީ އެ ނިންމުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު އެކަކުން ފެށިގެން ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެހެންވެ، ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު އެކަކުން ފެށިގެން ޝަރަފުވެރިކަމާއެކު އަލީ ރަޝީދު ރިޓަޔަކޮށްދެއްވުމަށް، މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާއިން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ ފަނޑިޔާރު ރިޓަޔާކުރައްވާތީ، އެ މަޤާމަށް ބޭފުޅަކު ހޯދުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ ހަ އަހަރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަލީ ރަޝީދަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނު ނަމަވެސް، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.