ސަރުކާރުން މިހާރު އައްޑޫއާ މެދު ގެންގުޅޭ "ގްރޭޓާ އައްޑޫ" ތަސައްވުރަކީ "އިންޑިއާ އައުޓް" ފަދަ އެއްވެސް އަސްލެއް ނެތް "ދަންތުރަ"އެއް ކަމަށް އެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ފޭދޫއަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ "ގްރޭޓާ އައްޑޫ" ޖަހައިފައިވާ ޕޯސްޓަރެއް ހިއްސާކުރައްވައިފައެވެ. އިހުސާންގެ އެ ޕޯސްޓުގެ ފޮޓޯއެއް ހިއްސާކުރައްވައި، ރައްދު ދެއްވަމުން ނިޒާރު އެކްސްގައި ވިދާޅުވީ އެއީ ވެސް "އިންޑިއާ އައުޓް" ފަދަ "ދަންތުރައެއް" ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ އައްޑޫގައި ހިންގާ ޕޮލިސް އެކެޑަމީގައި އިންޑިއާ ސިފައިންގެ އަސްކަރީ ބޭހެއް ހިންގާކަމަށް މިހާރުގެ ސަރުކާރުގެ ވެރީން، މީގެ ކުރިން އިދިކޮޅުގައި ތިއްބަވައިގެން ކުރެއްވި ތުހުމަތުތަކަށެވެ.
ނަމަވެސް ވެރިކަމަކަށް ޕީއެންސީ އައިފަހުން ވެސް އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ކަމެއް ހާމަކޮށްދެވިފައެއް ނުވެއެވެ. އެހެންވެ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އެއާއެކު، މި ކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ނިޒާރު "ސަން"އަށް ވިދާޅުވީ މުޅި "ގްރޭޓާ އައްޑޫ"ގެ ޝިއާރު ޕީއެންސީން ފާޅުކުރާއިރު، ފުރަތަމަ ކަމަކަށް ވެސް ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރި ކަމަކީ މުޅި އައްޑޫ ބައިބައިކުރުމުގެ މަސައްކަތް ކަމަށެވެ. ވަކިން ޚާއްސަކޮށް އައްޑޫ ފޭދޫ، ވަކިކުރެވޭތޯ މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެެހެންވީމާ އަޅުގަނޑަކަށް ގަބޫލުނުކުރެވޭ، އެއަށްވުރެ ބޮޑު ދޮގެއް ނުހެދޭނެ. އެ ހުރިހާ ކަމެއް ކޮށްފައި އައިސް އައްޑޫ ގްރޭޓާއޭ ކިއީމާ އެއީ ބުހުތާނު ދޮގެއް،" ނިޒާރު ވިދާޅުވިއެވެ.
އައިޓީ ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީކުރުމަށާއި އައްޑޫގައި ވިޔަފާރިއާއި އިންވެސްޓްމަންޓު ކުރިއަރުވަން ބައެއް ޓެކްސްތައް ލުއިކުރައްވާނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ.
އެކަމަށް އިޝާރާތްކުރައްވައި ނިޒާރު ވިދާޅުވީ، ރައީސް އެ ފަދައިން ވިދާޅުވީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އަދި އެކަމުގެ އެއްވެސް ތަފްސީލެއް ވެސް އައްޑޫ ސިޓީ ކައުންސިލަށް ނޭނގޭކަމަށް ނިޒާރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ތަފްސީލް ނޭނގެ. އޭގައި އެ މީހުންގެ ކޮންސެޕްޓް، އެ މީހުންގެ އައިޑިއާއަކީ ކޮބައިކަން އަޅުގަނޑަކަށް ނޭނގެ. މީހުން ކިޔާތީ އެހެން ކިޔަނީ،" ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ގޫގުލް ކޭބަލް އައްޑޫގައި އެޅުމުން އައްޑޫ ތަރައްގީވާނެ ކަމަށް ސަރުކާރުން ސިފަކުރާއިރު، ކޭބަލް ކަނެކްޝަނަށް ހިތަދޫއިން ބޮޑު ބިމެއް ނަގައި، އެ ތަނުގައި ހެދީ ލޭންޑިން ސްޓޭޝަނެއް އެެކަނި ކަމަށް ނިޒާރު ވިދާޅުވިއެވެ. އެ ތަނަކީ މާ ގިނަ ޓެކްނިކަލް ބަޔަކު ތިބޭ ތަނެއް ވެސް ނޫން ކަމަށާއި، ކުރަން އޮންނަ ކަމަކީ ސެކިއުރިޓީ ބެލެހެއްޓުން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކައުންސިލަށް އެ ބިމުން އެއްވެސް ރުފިޔާއެއް ނުލިބޭކަމަށް ނިޒާރު ވިދާޅުވިއެވެ.
"އެ ހިސާބުން ނިމުނީ. އެ ބިން އެ މީހުންނަށް ކުއްޔަށް ދޭންވެގެން ކައުންސިލަށް ބައި ރުފިޔާއެއް ވެސް ނުލިބޭގޮތަށް ސަރުކާރުން ގަދަކަމުން ބިން ނަގައިފި،" ނިޒާރު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ނިޒާރުވަނީ އައްޑޫގެ ތަރައްގީއާ ގުޅުވައި މި ސަރުކާރުން އިއުލާނުކުރި ވަރަށް ގިނަ ކަންކަމަށް ފާޑު ވިދާޅުވެފައެވެ. މިހާތަނަށް މި ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް އަދި އެ ސިޓީގައި ފެށިފައިނުވެއެވެ. އޭގެ ތެރޭ އައްޑޫޫ ބްރިޖު ހިމެނެއެވެ.