އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ޚިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހިތަދޫ ބަނދަރަށް ވިހި އަހަރު ވެސް ފުރުނު މި ދުވަހު އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޝްވާނެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
އެމްޕީއެލުން ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތާއި ބޮންޑެޑް ގުދަނުގެ ޚިދުމަތާއި ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ހިތަދޫ ބަނދަރުގައި ޑިއުޓީ ފްރީ ޒޯންގެ ޚިދުމަތް ފެށުމުން، ކާޑާއި ކާބޯތަކެއްޗަށް ޑިއުޓީ ނުދައްކައި، އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށާއި، އެ ސަރަހައްދުގައި ވިޔަފާރިވެރިންގެ މުދާތައް ވަރަށް ކުޑަ އަގެއްގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޮންޑެޑް ގުދަނުގެ ޚިދުމަތް ދޭން ފެށުމުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ޚާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ މުދާތައް ރައްކާތެރިކޮށް ބެހެއްޓުމަށް ފަސޭހަވެ، ވިޔަފާރިވެރިންނަށް ލުއިތައް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އަދި ބަލްކް ކާގޯ ފެސިލިޓީ އިމާރާތްކުރުމާއެކު، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަވެއްޔާއި ހިލަ ވަކި މުއްދަތަކަށް ބަނދަރުގައި ރައްކާކޮށްފައި ބެހެއްޓުމަށް ލުއި ލިބޭނެ ކަމަށާއި، ހިތަދޫ ބަނދަރުގައި ހިލަވެއްޔާއި ހިލަވެލި ބަހައްޓައި ދެކުނުގެ ރަށްރަށަށް އެ ތަކެތި ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް، އެމްޕީއެލުން ބުންޏެވެ. އެ ކުންފުނިން ބުނީ، މި ފަސޭހަތަކުގެ ސަބަބުން ދެކުނުގެ ސަރަހައްދުގައި އިމާރާތްކުރުމުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގައި ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑުއަކީ ވިޔަފާރިކުރަން ފަސޭހަތަނަކަށް ހަދައި، އައިޓީގެ ހަބަކަށް އެ ސިޓީ ހައްދަވަން ނިންމަވާފައިކަން ހާމަކުރައްވައިފައެވެ.