ބާޒާރާއި ފިހާރަތަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ "އަގުމަގު" ޕޯޓަލް 3،000 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށް، މިހާތަނަށް 224 ފިހާރައަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ތަޢާރަފްކުރެވުނު ޚިދުމަތެކެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައި ވިދާޅުވީ، އަގުމަގު އެޕް މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާ ކަމަށެވެ.
އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރަމުންދާއިރު، މިހާތަނަށް 224 ފިހާރައަކުން އެޕްގައި ރަޖިސްޓްރީވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ޕޯޓަލް އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ފެބުރުވަރީ 28 ގައި ރޯދަމަހާ ދިމާކޮށް ތަޢާރަފުކުރުމަށްފަހު، އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފުކުރީ މިދިޔަ މަހުގެ 15 ގައެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. ކުރިން ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ފެނުނު ނަމަވެސް، މިހާރު ތަޢާރަފްކޮށްފައިވާ އެޕްގެ ސަބަބުން އަތޮޅުތަކުގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައްވެސް ބަލައިލެވޭނެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާބޯތަކެއްޗާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތި އެކި ފިހާރަތަކުގައި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގު ވަގުތުން ބަލައިލެވޭނެއެވެ.
މީގެއިތުރުން ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް އަޅާކިޔައި، އެކި ރަށްރަށުގައި މުދާ ލިބެން ހުންނަ އަގުތައް ބަލައި ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ވެސް އެކުލަވާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މުދަލުގެ އެންމެ ހެޔޮ އަގުތައް ދައްކުވައިދޭ އެޕެއް އިކޮނޮމިކް މިނިސްޓްރީން ނެރެފައިވަނީ، ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކާބޯތަކެތީގެ އަގު ހިމެނޭ ގޮތަށް އަސާސީ ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް އަންނަނީ އުފުލެމުންނެވެ.
މީގެއިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގު ދެމިގެން ދިޔުމުން، މި އަހަރުގެ ބާކީ މަސްތަކުގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އިދާރާތަކުން ލަފާކޮށްފައިވެއެވެ.