ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް ކަމަށާއި ތިމާ ކުރާ މިފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މި ދުވަސްވަރު ރާއްޖޭގެ ހޮސްޕިޓަލްތަކަށް ލޭ ލިބުން ދަތިވެފައިވާއިރު މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ "ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި މައުޞޫގެ މައްޗަށެވެ.
ޚުތުބާގައި ބުނީ ހެޔޮ ޢަމަލުކުރުމުގެ މަގުތައް ތަނަވަސްވެގެންވާ ކަމަށާއި މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަންކަން ކަމަށެވެ. އެންމެ ކުޑަމިނުން އުފާވެރި މޫނަކައިގެން މީހުންނާ ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ހަމައެހެންމެ ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންވާ ކަމަށާއި އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
"ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބޭ. ސުވަރުގޭގެ ނިޢުމަތްތަކަކީ، މާތް ﷲގެ އަޅާ އުފަލުން ފޮޅޭ ވަރުގެ މަތިވެރި ނިޢުމަތްތަކެއް," ޚުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒުގައި ހުތުބާ އިއްވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، އާޚިރަތްދުވަހުން އުފުލަންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެހެންކަމުން ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ އަމަލެއް ކުރެވޭތޯ ކަމަށް ޚުތުބާގައި ބުންޏެވެ.
"މުސްލިމުން އަބަދު ވެސް ކުރިއަރައި ދާންވީ އެ ބައިމީހުންގެ އަޚުންނަށް ދިމާވާ ދަތިތަކާއި މުޞީބާތްތައް ކުޑަކޮށްދިނުމުގައި. މި ދުނިޔޭގެ ދަންފަޅި ހަމަކުރާންވީ، މި ފަދަ ޢަމަލުތައްކުރުމުގައި." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ ލޭ އަޅަން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅަން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއް ކަމަށެވެ.
"ހަމަ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، ކިހައި ވަރެއްގެ އަޖުރަކާއި ސަވާބެއް ހުރި ކަމެއްކަން ތިޔަބައިމީހުން ދަންނަމުހެއްޔެވެ؟ ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެއް. ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއް." ޚުތުބާގައި ބުންޏެވެ.
"އޭނާގެ ހަށިގަނޑަށް އަޅާން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެ. ވީ އިރު އެއީ މަތިވެރި ސަވާބާއި ގިނަގުނަ އަޖުރު ލިބޭނޭކަމެއް."
ޚުތުބާގައި ބުނީ މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައި ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލުމަށް ޚުތުބާގައި އެދުނެވެ.
"އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިން. ވީމާ ދަރުމަހުރި، އިންސާނިއްޔަ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލަން. ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެން މި ކަމުގައި ބައިވެރިވޭ. ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަނޭ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެއް," ޚުތުބާގައި ބުންޏެވެ.
"މީހަކު ބަލިމީހަކަށް ލޭ ހަދިޔާކުރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވެއްޖެ ނަމަ، އޭނާގެ މަރުދުވަހަށް ދާންދެން، އޭނާގެ ފުށުން، ލޭ ހަދިޔާކުރި މީހާއަށް ސަވާބު ލިބިލިބިހުންނާނެ."
ޚުތުބާގައި ބުނީ ލޭ ހަދިޔާކުރުމުގެ އިތުރަށް ވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެ ކަމަށެވެ. ކާންބޯން ނުލިބޭ މީހުންނަށް ކާނެ އެތިކޮޅެއްދިނުން، ތަނަވަސްކަން ނެތުމުގެ ސަބަބުން ބޭސްފަރުވާ ނުކުރެވިގެން އުޅޭ މީހުންނަށް އެހީވެދިނުން، އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ކުރިމަތިވާ ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި އެ މީހުންނަށް އަވަސްފަރުވާ ދިނުމާއި، ހޮސްޕިޓަލާހަމައަށް އެ މީހުން ގެންގޮސްދިނުމަކީ، މީގެތެރޭގައި ހިމެނޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
ވާޖިބު އަޅުކަންތަކުގެ އިތުރަށް، ފަޤީރު ނިކަމެތީންނަށް ކާއެތިކޮޅު ދިއްކޮށްލައި، އެކިއެކި ޙާޖަތްތެރީންނަށް އެހީތެރިވެދިނުމަކީ، ކޮންމެ މުސްލިމަކުމެ އޭނާގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ކުރަންޖެހޭނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.