ސްރީލަންކާއަކީ ރާއްޖެއާ އެންމެ ގާތް އެންމެ އިތުބާރުކުރާ އެއް ގައުމު: ރައީސް

ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތް އިރު އެއާޕޯޓުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އެއް އެކުވެރިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ، އިތުބާރު ހިފޭ ގައުމެއް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެތައް ގަރުނެއްވީ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްރީލަންކާއަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގައި އެ ގައުމުގެ ރައްޔިތުން ދައްކަމުންދާ ސާބިތުކަމާއި އެއްބައިވަންތަކަމުގައި އަބަދުވެސް ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އެކުވެރިކަން އޮތްއިރު އެއީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ވެސް ގައުމެކެވެ. އަދި ތައުލީމީ، ސިއްހީ އަދި އިގްތިސާދީ އެކި މަސައްކަތްތަކަށް ދިވެހީން އެ ގައުމަށް ވަރަށް ގިނައިން ދެއެވެ.

ދެ ގައުމުގެ ގުޅުން އެންމެ ރަނގަޅަށް ހާމަވީ އެއް ކަމަކީ، ސްރީލަންކާއަށް ތޫފާން ދިތުވާގެ ސަބަބުން ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކަށްވުރެ ވެސް ނިސްބަތުން ބޮޑު އެހީތެރިކަމެއް ރާއްޖެއިން ދިނުމެވެ.

ދިވެހި މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯނާއި، ދިވެހި އަމިއްލަ ވިޔަފާރިވެރިންގެ ފަރާތުން ކުރި މަސައްކަތުން އެ ގައުމަށް ބޮޑު އެހީއެއް ފޯރުކޮށްދެވުނުއިރު، އެ ގައުމުގެ ރައްޔިތުން ވެސް އެ ކަން ފާހަގަކުރެއެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކޮށް އޮތް ނަމަވެސް މި ފަހުން ދިވެހީންނަށް ދިގުމުއްދަތުގެ ވިސާ ލިބުމުގައި ހުރި ދަތިތަކުގެ މައްސަލައިގައި ރާއްޖޭގެ ހައިކޮމިޝަނަރު މަސްއޫދު އިމާދު ބަސްމަގުގައި ގެންގުޅުއްވި ހަރުކަށިކަމުގެ ސަބަބުން ކޮންމެވެސް މިންވަރަކަށް ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް މިހާރު އެ ކަން ހައްލުވެ، ކަންކަން ހަރުދަނާ ކުރަމުން އަންނަކަމަށް ދެ ގައުމުގެ އިސް އޮފިޝަލުން މައުލޫމާތުދެއެވެ.

ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރަކީ "ބިލްޑް ސްރީލަންކާ" ނުވަތަ "ސްރީލަންކާ ބިނާކުރަމާ" އެވެ.

comment ކޮމެންޓް