ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، ކުށްކުރުމަށް ބޭނުންކުރި ތުހުމަތުގައި މާލެ ސަރަހައްދުން ދެ މީހަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި، ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.
ކޯޓާ ހަވާލާދީ ފުލުހުން ބުނީ، ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ ދެ މީހުން މަސްތުވާތަކެތި އުފުލައި، ނާޖާއިޒު ބޭނުންހިފީ 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ކަމަށް، ފުލުހުން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ކުށުގެ ވެށީގައި ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ހަރަކާތްތެރިވާ 300އެއްހާ ކުދިންގެ މައުލޫމާތު އެއްކުރެވި ލިސްޓުކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ޚާއްސަކޮށް އެ ކުދިންގެ ބެލެނިވެރިންނަށް ރީޗްވެ، އެ ކުދިން ކުށުގަ އުޅޭ ގޮތްތަކާއި ހުރިހާ އެއްޗެއް ދެނެގަނެވިފައި ހުރި ގޮތް ބެލެނިވެރިންނަށް ކިޔައިދީ، އަދި އެކަމަށް ބެލެނިވެރިންނާއި އަޅުގަނޑުމެންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަން އަޅުގަނޑު މި ފުރުސަތުގައި ހަމަ ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
އެއާއެކު ޝަރީފް ވަނީ، ކުށްކުރާ 18 އަހަރުން ދަށުގެ ކުދިން ދުވަހުން ދުވަހަށް އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ޚާއްސަކޮށް ގްރޭޓާ މާލޭ އޭރިއާގަ ހަމަ ހުރިހާ ހިސާބެއްގަވެސް މިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ، ވިލިމާލެ ކަމުގައިވިޔަސް އަދި ހުޅުމާލެ ކަމުގައިވިޔަސް، އަދި މާލޭ އޭރިއާ ކަމުގައިވިޔަސް، އަދި ޚާއްސަކޮށް ހުޅުމާލޭގެ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ ހަމަ ކުށްކުރާ ކުދިން މިވަގުތު ވަރަށް ގިނަ ތަނެއްގެ ގޮތުގަ،" އޭނާ ވިދާޅުވިއެވެ.