ކުށުގެ ރެކޯޑު އޮންނަ މީހުންނާއެކު ކުށުގެ ވެށީގައި އުޅޭ 300 އެއްހާ ކުދިންގެ މައުލޫމާތު އެއްކޮށް، އެ ކުދިންގެ ބެލެނިވެރިންނާއެކީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް ވިދާޅުވީ، ކުށުގެ ވެށީގައި ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ހަރަކާތްތެރިވާ 300އެއްހާ ކުދިންގެ މައުލޫމާތު އެއްކުރެވި ލިސްޓުކުރެވިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ޚާއްސަކޮށް އެ ކުދިންގެ ބެލެނިވެރިންނަށް ރީޗްވެ، އެ ކުދިން ކުށުގަ އުޅޭ ގޮތްތަކާއި ހުރިހާ އެއްޗެއް ދެނެގަނެވިފައި ހުރި ގޮތް ބެލެނިވެރިންނަށް ކިޔައިދީ، އަދި އެކަމަށް ބެލެނިވެރިންނާއި އަޅުގަނޑުމެންނާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަން އަޅުގަނޑު މި ފުރުސަތުގައި ހަމަ ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވޭ މި މަސައްކަތުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް ޝަރީފް ގަބޫލުކުރައްވައެވެ.
އެއާއެކު ޝަރީފް ވަނީ، ކުށްކުރާ 18 އަހަރުން ދަށުގެ ކުދިން ދުވަހުން ދުވަހަށް އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ޚާއްސަކޮށް ގްރޭޓާ މާލޭ އޭރިއާގަ ހަމަ ހުރިހާ ހިސާބެއްގަވެސް މިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ، ވިލިމާލެ ކަމުގައިވިޔަސް އަދި ހުޅުމާލެ ކަމުގައިވިޔަސް، އަދި މާލޭ އޭރިއާ ކަމުގައިވިޔަސް، އަދި ޚާއްސަކޮށް ހުޅުމާލޭގެ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ ހަމަ ކުށްކުރާ ކުދިން މިވަގުތު ވަރަށް ގިނަ ތަނެއްގެ ގޮތުގަ،" އޭނާ ވިދާޅުވިއެވެ.
އެހެންވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުޑަކުދިންގެ މައްސަލަތައް ފުލުހުން ގިނައިން ބަލަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވިދާޅުވީ ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަނުގެ ތެރެއިން ފުލުހުންނަށް އަދި ބެލިފައިނުވާ ތަންތަނުގައި، ކުށުގެ ރެކޯޑު އޮންނަ މީހުންނާއެކީ ގިނަ ކުޑަކުދިން ގިނަވަގުތު ހޭދަކުރާ ކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.
"ދަންވަރުގެ ވަގުތުތަކުގައި ދުވާލުގެ ވަގުތުތަކުގައި އަދި ވަރަށް ގިނަ ވަގުތު މި ފަރާތްތަކާ އެކީގަ ކުޑަކުދިން ހޭދަކުރާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.