ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދެނީ މި މަހު 12ގައި

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގ: ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް މި މަހުގެ 12 ވަނަ ދުވަހު ދިނުމަށް މާލީ ވުޒާރާއިން ވަނީ ނިންމާފ---/ ފޮޓޯ ސަން

ސަރުކާރު މުވައްޒަފުންނަށް މި އަހަރުގެ ރޯދަ އިނާއަތް މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ނިންމާފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުގެ އޮފީސްތަކުން އަމަލު ކުރުމަށް އެދި އެވުޒާރާއިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނެސްފައިވާ ހަތަރުވަނަ އިސްލާހުގައި ބަޔާންކޮށްފައިވާގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެކަމަށެވެ.

ސާކިއުލާގައި ވާގޮތުން، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ދޭން ޖެހޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުންނެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގައިފައިވެއެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" (ސްކޮލަޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި މިފަދަ ލީވް އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަކަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެކަމަށް ސާކިއުލާގައިވެއެވެ.

މާލީ ވުޒާރާގެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް ސަރުކާރުގެ އިދާރާތަކަށް އަންގާކަމަށެވެ.

ރާއްޖޭގެ ކަލަންޑަރުގައި ވާގޮތުން ރޯދަ މަހުގެ އެއްވަނަ ދުވަހަށް ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.

comment ކޮމެންޓް