ދި ފައުންޑޭޝަންގެ ފަރާތުން، އެސްއެސް ޓީވީއިން ގެނެސްދޭ ދީނީ މުބާރާތަކަށް އުމްރާ ދަތުރެއް ހަދިޔާކޮށްފި

ދި ފައުންޑޭޝަންގެ ފަރާތުން، އެސްއެސް ޓީވީއިން ގެނެސްދޭ ކުއިޒް މުބާރާތަކަށް އުމްރާ ދަތުރެއް ހަދިޔާކޮށްފި -- ފޮޓޯ: އެސްއެސްޓީވީ

އެސްއެސް ޓީވީއިން މި ރޯދަ މަހު ގެނެސްދޭ ދީނީ ސުވާލު މުބާރާތަކަށް ދި ފައުންޑޭޝަންގެ ފަރާތުން އުމްރާ ދަތުރެއް ހަދިޔާކޮށްފިއެވެ.

މި ޕްރޮގްރާމާއި ގުޅޭ އެއްބަސްވުމުގައި އެސްއެސް ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީންއެވެ. އަދި ދި ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މޫސާ ރަޝީދުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަހީން ވިދާޅުވީ، އިނާމަކަށް އުމްރާ ދަތުރެއް ލިބޭ މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ބައިވެވޭނޭ ގޮތަށް އަންނަ ރޯދަ މަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ސުވާލު މުބާރާތެއް ކަމަށެވެ.

އަދި މިއީ ރޯދަމަހުގެ ކޮންމެ ދުވަހެއްގެ މެންދުރު އެސްއެސްޓީވީއިން ލައިވްކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއްކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އޭނާ ވަނީ މި ޕްރޮގްރާމުގެ ސުވާލުތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމްދީނުގެ ރުކުންތަކާއި، ދީނީ އެކި ކަންކަމުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދި ފައުންޑޭޝަންގެ މެނޭޖިން ޑިރެކްޓާ މޫސާ ރަޝީދު ވިދާޅުވީ، އުމްރާ ދަތުރު އެސްއެސް ޓީވީއަށް ހަދިޔާ ކުރި މައިގަނޑު ސަބަބަކީ އެސްއެސް ޓީވީއަކީ، މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ޓީވީ ޗެނަލަށް ވުމުން ކަމަށެވެ.

އެސްއެސްޓީވީ އަބަދުވެސް ފާހަގަކޮށްލެވެނީ ގިނަ ދިވެހިންނާ ގުޅުންހުރި ދިވެހިވަންތަ، ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ކޮންޓެންޓެއް އުފައްދާ ޓީވީ ޗެނަލެއްގެ ގޮތުގައެވެ.

comment ކޮމެންޓް