އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ ޝެއިޚް އަބޫ ތައިމިއްޔާ، ޚާއްސަ ދީނީ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ "އެންލައިޓްން" އެވެ. ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންނަށެވެ.
މި ދަތުރުފުޅުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.

ޝެއިޚްގެ ޕްރޮގްރާމްތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލެއިންނެވެ. މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންނަށް ޚާއްސަ ޑިނާ ނުވަތަ ކޮފީ ބައްދަލުވުންތަކާއި، ޔުނިވާސިޓީ އަދި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން، އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެޝަންތަކާއި، އާންމު ދަރުހަކާއި، ހުކުރު ޚުތުބާގެ އިތުރުން ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ. ހަމައެހެންމެ، އަންހެނުންނަށް ޚާއްސަ ސެޝަނަކާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންތަކުގެ އިތުރުން ދިވެހި އިލްމުވެރިންނާއެކު ބާއްވާ ޚާއްސަ ބައްދަލުވުމެއް ވެސް މާލޭގައި ކުރިއަށްދާނެއެވެ.
މާލޭގެ ހަރަކާތްތަކަށްފަހު، އަންނަ އާދިއްތައިގައި ޝެއިޚް ތައިމިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެއެވެ. އައްޑޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އާންމު ދަރުހެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އޭގެ ފަހުން، އަންގާރަ ދުވަހު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެއެވެ. ފުވައްމުލަކުގައި ސްކޫލް ސެޝަނަކާއި، ޒުވާނުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ރާވާފައިވާއިރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އިތުރު އާންމު ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ވެސް ދުވަހެއް ޚާއްސަކޮށްފައިވެއެވެ.
މަހަލްދީބް ފައުންޑޭޝަންއިން ބުނި ގޮތުގައި "އެންލައިޓްން" ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އެކިއެކި މުއައްސަސާތަކުގެ ބައިވެރިވުމާއި އެހީތެރިކަން ލިބެމުންދެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި، ތައުލީމީ ވުޒާރާގެ އިތުރުން އައިޔޫއެމް އަދި އެމްއެންޔޫ ހިމެނެއެވެ. ހަމައެހެންމެ، އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް މި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މި ހުރިހާ ހަރަކާތްތަކަކަށްފަހު ޝެއިޚް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 27 އޮގަސްޓު ގައެވެ.