ކޯޕަރޭޝަންގެ ރަމަޟާން އުމްރާގެ އަގު ބޮޑުކޮށްފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފިރުޒުލް-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އިއުލާންކުރާ އުމްރާ ދަތުރުތަކުގެ އަގުތައް ބޮޑުކޮށް، އަންނަ ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އައު އަގުތަކަށް ބަލާއިރު، ކުރިއަށް އޮތް މުޅި ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގު ވަނީ 55,965 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ އެންމެ ފަހުން ނިމުނު ރަމަޟާން މަހު މުޅި މަހުގެ އުމްރާއަށް ނެގި 48,965 ރުފިޔާއާ އަޅާބަލާއިރު 7,000 ރުފިޔާގެ ބޮޑުވުމެކެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 15 ގެ އުމްރާ ދަތުރުގެ އަގު ވަނީ 50,965 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މިއީ ކުރީ އަހަރުގެ ފަހު 15 ގެ އަގު ކަމުގައިވާ 45,965 ރުފިޔާއަށްވުރެ 5,000 ރުފިޔާގެ އިތުރުވުމެކެވެ.

ނިމުނު ރަމަޟާން މަހާއި ދިމާކޮށް ޙައްޖު ކޯޕަރޭޝަނުން އިއުލާން ކުރި އުމްރާގެ އަގުތައް...

ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ އެކި ދުވަސްވަރުތަކަށް ކަނޑައަޅާފައިވާ އުމްރާ އަގުތަކަކީ ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ދަތުރުތަކަށް -/30,965 ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް ކަނޑައަޅާފައިވަނީ -/31,965 ރުފިޔާއެވެ.

މި ދަތުރުތަކުގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ޚާއްޞަ ޢުމްރާ ދަތުރުތަކަށްވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ދަތުރުތަކަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

ހައްޖު ކޯޕަރޭޝަންއިން މައުލޫމާތު ދޭ ގޮތުގައި އަގުތައް ކަނޑައަޅާއިރު މައްކާއަށް ދިއުމަށާއި އެ ތަނުގައި ކުރަން ޖެހޭ ހޭދަތައް ބޮޑުވުމަކީ ޕެކޭޖުގެ އަގު ބޮޑުވާ ސަބަބެކެވެ. އެގޮތުން ކާބޯތަކެއްޗާއި ހޮޓަލުގެ އަގުތަކަށް ކޮންމެ އަހަރަކު ވެސް ބަދަލު އަންނާތީ ޕެކޭޖުގެ އަގުތައް ބޮޑު ކުރަން ޖެހޭ ފަހަރު ދިމާވާ ކަމަށް ކޯޕަރޭޝަނުން ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކާއި ފްލައިޓް ޓިކެޓް އަގާއި ހޮޓަލުގެ އަގުތައް ވެސް މިހާރު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވެފައެވެ. އަގުތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކެވެ.

އަންނަ ރަމަޟާން މަހަށް ޙައްޖު ކޯޕަރޭޝަނުން އިއްޔެ ފުރުސަތު ހުޅުވާލައި އާންމުކުރި ޕޯސްޓު....

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަކީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި ޙައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މައްކާއާއި މަދީނާގައި އެފަރާތްތަކަށް ލިބޭ އެކޮމޮޑޭޝަން، ކެއިންބުއިން އަދި ދަތުރުފަތުރު ފަދަ ޚިދުމަތްތަކުގެ ފެންވަރު މަތީ ދަރަޖައެއްގައި ބެލެހެއްޓުމަށް މަތިކޮށްފައިވާ ކޯޕަރޭޝަނެކެވެ.

މީގެއިތުރުން، ރައްޔިތުންނަށް ފަސޭހައިން ޙައްޖަށް ފައިސާ ރައްކާކުރެވޭނެ ސޭވިންގްސް ސްކީމްތައް ހިންގުމާއި، އަޅުކަމުގެ މަނާސިކުތަކަށާއި ސަޢޫދީގެ ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ދިނުން ވެސް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޙައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތައް އަގު ބޮޑުކޮށް އިއުލާން ކުރުމާއި އެކު ގިނަ ބައެއް ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑިކިޔަމުންނެވެ.

comment ކޮމެންޓް