އެޕްސްޓީންގެ މައްސަލާގައި އެމެރިކާގެ ރައީސް ޑިފެންސަށް ވެއްޓި އަމިއްލަ ނަފްސު ދިފާއު ކުރައްވަނީ

ޓްރަމްޕް

ވޮޝިންޓަން (3 ފެބްރުއަރީ 2026) : ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ނަގައި ބަރަހަނާ މަންޒަރު ވީޑިއޯ ކުރުމާއި ޝައިތާނާއަށް އަޅުކަން ކުރުންފަދަ މުޑުދާރު އެތައް އަމަލުތަކެއްގެ މައްސަލައިގައި ޖަލަށް ލާފައި ވަނިކޮށް މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާ އެއްވެސް ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށާއި އޭނާގެ ޖަޒީރާކަމަށްވާ ލިޓްލް ސެއިންޓް ޖޭމްސް އަށްވެސް ގޮސްފައިނުވާނެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި އޭނާއަކީ އެ ކަހަލަ މުޑުދާރު އަމަލުތައް ހިންގަވާނެ ބޭފުޅެއް ނޫނެވެ. އަދި އޭނާއަކީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ގުޅުންވެސް ބާއްވާ ބޭފުޅެއްނޫނެވެ. އެޕްސްޓީން އާ މުއާމަލާތްކޮށް އެ އަމަލުތައް ހިންގާފައިވަނީ އެމެރިކާގެ މަކަރުވެރި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް، އޭނާގެ ޓްރުތް ސޯޝަލްގައި މިމޭރުމުން އަމިއްލަ ނަފްސު ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައިވަނީ އެޕްސްޓީންގެ ޖިންސީ ޖަރީމާތަކުގެ ތަހުގީގާގުޅޭ އެތައް ހާސް ލިޔެކިޔުންތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހުކުރުދުވަހު ނެރުމާއެކު ޓްރަމްޕް އިތުރަށް ބޭޒާރުވެވަޑައިގަތުމާ ގުޅިގެންނެވެ.

ޓްރަމްޕް އޭނާގެ ޒުވާން ދުވަސްވަރު އެޕްސްޓީން އާއެކު

އެޕްސްޓީން ފައިލްސްގެ ނަމުން ނަންދެވިފައިވާ ލިޔެކިޔުންތަކުގައި ދެ ޖިންސުގެ ކުޑަ ކުދިންނާއެކު ޖިންސީ އަމަލުތައް ހިންގުމާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ނަގައި ބަރަހަނާ މަންޒަރު ވީޑިއޯ ކުރުމާއި ޝައިތާނާއަށް އަޅުކަން ކުރުންފަދަ މުޑުދާރު އެތައް އަމަލުތަކެއްގެ ފޮޓޯ އާއި ވީޑިއޯ އާއި ޕްރިންޓް ޑޮކިއުމަންޓާއި ސޮފްޓް ޑޮކިއުމަންޓްތަކާއި އީމެއިލްތައް ހިމެނެއެވެ.

މި ޑޮކިއުމެންޓްތަކާއި ފޮޓޯ އަދި ވީޑިއޯ ތަކުން ޓްރަމްޕަކީ އެޕްސްޓީންގެ ޖިންސީ ޖަރީމާތަކުގައި ވަރަށް ބޮޑަށް ޝާމިލްވާ އަދި އޭނާއާ ވަރަށް ގިނައިން މުއާމަލާތް ކުރެއްވި ބޭފުޅެއްކަންވަނީ ހަމަވެފައެވެ. އެޕްސްޓީންގެ ފައިލްތަކުން ޓްރަމްޕްގެ އިތުރުން އޭނާގެ އަންހެނުން މިލޭނިއާ ޓްރަމްޕްވެސް ޖިންސީ އަމަލުތަކުގައި ޝާމިލްވާކަން ބޭޒާރުވެފައިވެއެވެ.

އަދި އެމެރިކާގެ ކުރީގެ ބައެއް ރައީސުންކަމަށްވާ ޖޯޖް ބުޝް، ބިލްކްލިންޓަން ފަދަ ބޭފުޅުންނާއި ބިލްގޭޓްސްފަދަ އެމެރިކާ މަޝްހޫރު އެތައް މަހުޖަނަކުވެސް ވަނީ ބޭޒާރުވެފައެވެ.

މީގެއިތުރުން ގަލްފުގެ ބައެއް އަރަބި ގައުމުތަކުގެ ބައެއް މަސްއޫލުވެރިންނާއި ނޯވޭގެ ކްރައުން ޕްރިންސެސް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޝާހީ އާއިލާތަކުގެ އިސްބޭފުޅުންވެސް ޖިންސީ އަދި ފައިސާގެ ކަންކަމުގައި އެޕްސްޓީން އާ މުއާމަލާތް ކުރިމައްސަލަ ވަނީ ބޭޒާރުވެފައެވެ.

އެޕްސްޓީންގެ ފައިލް ތަކުން ދުނިޔެއަށް ހާމަވެފައިވަނީ އަންހެނުންނާ ކުޑަކުދިންގެ ހައްގުތަކުގެ ނަމުގައި ހުޅަނގުން ގެންގުޅޭ މުނާފިގުކަންކަމަށް މުހައްލިލުން ގެންދަވަނީ ސިފަކުރައްވަމުންނެވެ.

މީގެން އެނގެނީ ކޯޓު ފަޓްލޫނާއި ޓައީ ފަދަ ރީތި ހެދުންތައް ލައްވާފައި އިންސާނީ ހައްގުތަކާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ނަމުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ހުޅަނގުގެ ވެލިއުސްތަކުގެ ނަމުގައި ކަންކަން ޑިކްޓޭޓްކުރައްވާ ޔޫރަޕްގެ ލީޑަރުންގެ މުނާފިގުކަމެވެ. އެމީހުންގެ ބަހާއި އަމަލުތައް ދިމާނުވާކަމެވެ.

ހުޅަނގުގެ އެހީގައި އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ނަސްލުނައްތާލުމުގެ ޖަރީމާތަކުން މީގެކުރިންވެސް އިންސާނީ ހައްގުތަކާއި ރޫލްއޮފް ލޯ އާއި ރޫލް ބޭސްޑް އިންޓަނޭޝަނަލް އޯޑާ ފަދަ ނަންނަމުގައި ނަމުގައި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް ވެލިއުސްތައް ވަނީ ބޭޒާރުވެފައެވެ.

އެމެރިކާގެ މުހައްލިލެއް ކަމަށްވާ ޑރ. ޚަލީލް އަލްއަނާނީ ވިދާޅުވެފައިވާ ގޮތުގައި އެޕްސްޓީން މި އަމަލުތައް ހިންގައި އޭގައި ދުނިޔޭގެ ވެރިންނާއި ނުފޫޒުގަދަ ފަރާތްތައް ޝާމިލްކުރީ ޖިންސީ އަމަލުތައް ހިންގުމުގެ ނެޓްވޯކެއް އުފެއްދުމަށްވުރެ ބޮޑަށް އިސްރާއީލުގެ ބޭނުންތަކަށް އެބޭފުޅުން ބްލެކްމެއިލް ކުރުމުގެ ބޭނުމުގައެވެ. އެޕްޓީން ފަދަ އިސްރާއީލުގެ ޖާސޫސީ އެތައް އެޖެންޓުންނެއް މިހާރުވެސް ދުނިޔޭގެ ލީޑަރުން ބްލެކް މެއިލް ކުރުމަށް މިފަދަ އަަމަލުތައް ހިންގަމުން ގެންދާކަން އޭނާ ފާހަގަ ކުރައްވާފައިވެއެވެ.

comment ކޮމެންޓް