ކޭޕާކުން ލަނޑު ލިބުނު އަންހެނަކަށް ފްލެޓާއި ބޮޑު ބަދަލެއް ދޭން ހުކުމެއް

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ކޭޕާކު މައްސަލައިގައި ލަނޑު ލިބުނު މީހަކަށް، ފްލެޓަކާއި ބޮޑު ބަދަލެއް ދޭން ހުކުމްކޮށްފިއެވެ.

މިއީ، ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ހަވާލު ނުކުރާ މައްސަލާގައި، ފްލެޓް ގަނެފައިވާ މީހަކު ދައުވާ ކުރި މައްސަލައެކެވެ.

އެ މީހާ ދައުވާކޮށްފައިވަނީ، 2019 ވަނަ އަހަރު، ކޭޕާކަށް 4.1 މިލިއަން ރުފިޔާ ދެއްކިނަމަވެސް މިހާތަނަށް ފްލެޓްވެސް އަދި ފައިސާ ވެސް އަނބުރާ ދީފައިނުވާތީއެވެ.

ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދާ ހަންބޯ ކުންފުނީގެ މައްޗަށް އެ މީހާ ސިވިލް ކޯޓުގައި ދައުވާކުރީ އެ އެޕާޓްމެންޓް އޭނާއާ ހަވާލު ކުރުމަށާއި އަދި އެޕާޓްމެންޓް ލިބެން ނެތްނަމަ، ދެއްކި ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޕާޓްމެންޓް ހަވާލުނުކޮށް ހުރި މުއްދަތުގެ ކޮންމެ މަހަކަށް 25،000ރ. ގެ ބަދަލެއް ހޯދުމަށެވެ.

އެ މައްސަލައިގައި ހަންބޯ ކޮމްޕެނީ ޝަރިއަތުގައި ރައްދެއް ދީފައިނުވާއިރު، ސިވިލް ކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްގައިވަނީ އެ މީހާ ގަނެފައިވާ އެޕާޓްމެންޓް މިމަހުގެ ނިޔަލަށް އެ މީހާއާ ހަވާލު ކުރުމަށް ހަންބޯ ކުންފުންޏަށް އަމުރުކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ އެ މީހާއަށް ދޭންވެސް، އަހްމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި އަމުރުކޮށްފައިވެއެވެ. ފާތިމަތު ،މޫސާ މަނިކު ކިޔާ މީހަކު ދައުވާ ކުރި މި މައްސަލައިގައި، އެޕާޓްމެންޓް ހަވާލުކުރުމާ ހަމައަށް ކޮންމެ މަހަކު 25،000ރ. ދައްކަން ޖެހޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ކޭޕާކް އެޕާޓްމެންޓަކާ ގުޅޭގޮތުން ބޮޑު ބަދަލެއް ސިވިލް ކޯޓުން ނަގައި ދިންއިރު، ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ވަނީ ގާތްގަނޑަކަށް 400 އަހަރުގެ ޖަލު ހުކުމެއްގައެވެ.

މަންޑޭއާ އެކު ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދު ވެސް ވަނީ 159 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

comment ކޮމެންޓް