މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފަހް ބޯޑަރުގެ އެއްބައި ދެ އަހަރަށްފަހު އަލުން ހުޅުވާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.
ބޯޑަރު އަލުން ހުޅުވާލާފައިވަނީ ފަލަސްތީނުގެ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލި ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަން ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ވަނީ އިއްޔެވެސް ޣައްޒާއަށް ހަމަލާދީ 37 މީހުން ޝަހީދުކޮށްލާފައެވެ.
"ބޯޑަރު ހުޅުވާލުމުން މާދަމާ ދެ ދިމާލުން ވެސް މީހުންގެ ދަތުރުފަތުރު ފެށޭނެ، ދުވާލަކު ގާތްގަނޑަކަށް 150 މީހުން ޣައްޒާއިން ފުރާނެ ކަމަށް ލަފާކުރެވޭއިރު، ގާތްގަނޑަކަށް 50 މީހުން އެނބުރި ޣައްޒާއަށް ދާނެ." މިއަދު ނެރުނު ރިޕޯޓެއްގައި އިސްރާއީލުން ބުނެފައިވެއެވެ.
ރަފަހު ބޯޑަރަކީ އިންސާނީ އެހީ ވެއްދުމަށާއި ޣައްޒާއިން ބޭރަށް ދިޔުމަށް ވެސް މުހިންމު ސަރަހައްދެއް ކަމަށްވާއިރު، 2024 ވަނަ އަހަރުން ފެށިގެން އިސްރާއީލު ސިފައިން އޮންނަނީ އެ ބޯޑަރު ބަންދުކޮށްފައެވެ.
ފަލަސްތީނުގެ ސަރަހައްދުތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރު އޮފް ގަވާމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓޯރީސް (ކޯގަޓް) އިން ބުނީ ބުނީ ބޯޑަރު މިއަދު ހުުޅުވާލީ ހަމައެކަނި ވަކި އަދަދަކަށް މީހުން ދަތުރުކުރުމަށް ކަމަށެވެ.
ބޯޑަަރު ހުޅުވުމުން ޣައްޒާއިން ފުރުމަށް 200 އެއްހާ ބަލިމީހުން ކިޔޫގައި ތިބި ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އިސްރާއީލުން ބޯޑަރު ހުޅުވާލާފައި މިވަނީ ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ އެންމެ ފަހު ރަހީނު ކަމަށްވާ، ރަން ގްވިލީގެ ހަށިގަނޑު އަނބުރާ އިސްރާއީލަށް ގެންދިއުމުންނެވެ.
ބޯޑަރު ހުޅުވި ނަމަވެސް ފަލަސްތީނުން ވަދެނުކުމެވޭނެ މީހުންގެ އަދަދާ މެދު އަދި އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އިސްރާއީލު ހަނގުރާމައިގެ ތެރޭގައި ޣައްޒާ ދޫކޮށް ދިޔަ ފަލަސްތީނުގެ 80،000 އެއްހާ މީހުން އެނބުރި ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.