މުޅި ރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން 9 ބިލިއަން ޑޮލަރު ލިބުނަސް އުފާވާނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، މުޅި ރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން ނުވަ ބިލިއަން ޑޮލަރު ލިބުނަސް އުފާވާނެ -- ސަން ފޮޓޯ/ މޫސާ ނަދީމް

މުޅި ރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން ނުވަ ބިލިއަން ޑޮލަރު ލިބުނަސް އުފާވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ އިގުތިޞާދީ ހާލަތަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ދައުލަތުގެ ދަރަނި "160،000 މިލިއަނަށް ވުރެ މިހާރު އިތުރުވާނެ" ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޓްރެސްޓު ޕޭމަންޓަށް ދައްކަން ޖެހޭ ފައިސާ ނުވަ ބިލިއަނަށް އަރާފައިވާކަން ފާހަގަކުރައްވައި، ޔާމީން ވަނީ، މިއަދު ރާއްޖޭން ސުކޫކެއް ވިއްކައިގެން ނުވަ ބިލިއަން ލިބުނަސް އުފާވާނެ ކަމަށް ވިދާޅުވެފައެވެ.

މުޅި ދިވެހިރާއްޖެ ރަހުނުކޮށްފައި ބާއްވައިގެން ނުވަ ބިލިއަނަށްވާ ޑޮލަރު އަޅުގަނޑުމެނަށް ލިބުނަސް އުފާވާނެ. މި އުޅެނީ އިންޓްރެސްޓަށް އަރާފައިވާ ފައިސާކޮޅު އެކަނި ނުވަ ބިލިއަން އެބަ އުޅޭ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އިންޓްރެސްޓަށް ބޮޑު އަދަދެއް ރާއްޖޭން ދައްކަން ޖެހޭއިރު، އިގުތިޞާދީ ސިގްނަލް ހުރީ ރަތަށް ވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެއިތުރަށް، ޔާމީން ވަނީ، ސްވިޒަލޭންޑުގެ ދާވޯސްއަށް ވަޑައިގެން އިގުތިޞާދީ ކަންކަމާ ގުޅުވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަށް ނުސީދާ ރައްދެއް ދެއްވާފައެވެ.

އެފަދަ ވާހަކަތައް ދައްކާފައި، 'ކަންކަން' ފެނުމުން އެ ވާހަކަތައް ގަބޫލެއް ނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އެ ކަމުގެ ހުރިހާ 'ގިލަންވެރިކަމެއް' އުފުލަން ޖެހެނީ ނިކަމެތި ރައްޔިތުންނަށް ކަމަަށްވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ހުރިހާ ވާހަކަތަކެއް ދައްކަވާފައި އެ ވިދާޅުވީ ކަންކަން މެނޭޖުކުރަން އެނގެޔޭ. މިހާތަނަށް ކޮން ކަމެއްހޭ މެނޭޖުކުރެވުނީ؟ ކަމެއް މެނޭޖުކުރެވުނު ނަމަ، ޑެތް ސާވިސް އިން ނުވަ ބިލިއަން ރުފިޔާއަށް އަރައިގެން ގޮސްގެން ނުވާނެ" ޔާމީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަންނަ ރަމަޟާން މަހު ބޮޑުތަނުން ތަކެތީގެ އަގުތައް ބޮޑުވާނެ ކަމަށެވެ. އެހެންވެ، އެސްޓީއޯ މެދިވެރިކޮށް "އާފަލު ކޮޅެއް" ގެނައުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަމުން އެކަނި، އިގުތިޞާދީ މައްސަލަ ހައްލުނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެނަށް ފެނިގެން މި ދަނީ، ބޭރުގައި ފެންނަން ހުރި ހަމައެކަނި ދޮސްކޮޅު ނަގާފައި ހަމައެކަނި އެއަށް ފަރުވާ ކޮށްފައި އެތެރެއަށް އެންޓި ބަޔޯޓިކެއް ދެނީ. އޭރުން އެތެރޭގެ ފާރު ފަސޭހައެއް ނުވޭ. އަސްލު ހަމަ ބޮޑު މައްސަލަ އެތެރޭގައި އޮވެގެން އަނދަ އަނދާ މި އޮންނަނީ. މަތި މަތިން ކޮސްމެޓިކް ހައްލެއް މި ގެންނަނީ ކަންކަމަށް. އެއަކުން މި ކަންކަން ހައްލެއް ނުވޭ ދެއްތޯ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އެއާއެކު، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހަގީގީ އިގުތިޞާދީ ހާލަތު ކިޔައިދޭން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި، ދާވޯސް ފަދަ ތަންތަނަށް ދިޔުން ފަދަ ކަންކަން ބަލައިގަންނަން އުނދަގޫކަން ޔާމީން ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދާއި ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް

އިގުތިޞާދީ ހާލާތާ ގުޅުވައި ޔާމީން ވާހަކަދެއްކެވިއިރު، މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާއަށް 9.8 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ކަމަށް ފިނޭންސްގެ ހިސާބުތަކުން ވަނީ ދައްކާފައެވެ. އެއީ، ރިކޯޑު އަދަދެކެވެ.

މިދިޔަ އަހަރު ދަރަންޏާއި އިންޓްރެސްޓަށް ކުރި ހޭދަ އިންތިހާއަށް ބޮޑުވިއިރު، މި އަހަރު އެ އަދަދުތައް ހައްތަހާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެ ގޮތުން، މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަނަށްވުރެ އިތުރު އަދަދެކެވެ.

https://sun.mv/217066

ދަރަނި ބޮޑުވެ، ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ޚަރަދުކުޑަކުރަން ރާއްޖެއަށް ލަފާދެމުންނެވެ. އެކަމަކު، އެ ފަދަ ފިޔަވަޅުތައް ރާއްޖޭން އަޅާފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދެމެހެއްޓުމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ ފައިނޭންސިން ހޯދަން ދަތިވާނެއެވެ. އެހެންވެ، މި އަހަރު ދައްކަންޖެހޭ ދަރަނި ރީފައިނޭންސް ކުރެވިދާނެތޯ އިދިކޮޅު ބައެއް ބޭފުޅުން ސުވާލު އުފައްދައެވެ. އެ ގޮތުން، އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ދަރަނި ދައްކަން 300 މިލިއަން ޑޮލަރުގެ ދަރަންޏެއް ނަގަން އުޅޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

އެ ބޮޑު އިންޓްރެސްޓް ރޭޓުގެ ދަރަނި ނެގުމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ދަރަނި އަނބުރާ ދެއްކުމާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް