މައްސަލަ ބަލައި ނިމެންދެން އަދަދު ނޫހުން ޝާއިއުކުރި ކާޓޫނެއް ދައުރުނުކުރަން އަންގައިފި

މީޑިއާ ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ކޮމިޝަނުން ވަނީ އަދަދު ނޫހުގެ ކާޓޫނު ދައުރުނުކުރަން އަންގައިފަ --- ފޮޓޯ/ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން

"އަދަދު" ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމެންޓުގައި ޝާއިއުކުރި ކާޓޫނެއްގެ މައްސަލަ ބަލަމުން އަންނާތީ އެ ކާޓޫނު މީސްމީޑިއާގައި ދައުރުނުކުރަން، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފިއެވެ.

އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:25 އާއި 9:30 އާ ދެމެދު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނު ނެގުމަށް އެ ނޫހަށް އަންގާފައިވާ ކަމަށެވެ. އެއާއެކު، އެ މައްސަލަ ބަލައި ނިމެންދެން އެއްވެސް ފަރާތަކުން އެ ކާޓޫނު ދައުރުނުކުރަން ކޮމިޝަނުން ވަނީ އަންގައިފައެވެ.

އަދަދުގައި ޝާއިއުކުރި ކާޓޫނުން ފެންނަނީ ބަޔަކު ޖަމާއަތުގައި ސަޖިދައިގައި އޮއްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަވާ ކާޓޫނަކުން އިމާމު މީހާގެ ޖީބުން ފައިސާ ނޫޓުތަކެއް ވަގަށް ނަގާ މަންޒަރެވެ.

އެ ދުވަހު މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލް އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީއެއްގައި ވަނީ، 'އަދަދު'ގެ ސޯޝަލް މީޑިއާގައި މަކަރާއި ހީލަތާ ގުޅެވޭހެން ދޭހަވާ ގޮތަށް ޝާއިއުކުރި ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކާޓޫނެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަނުން ބަލަނީ ކަމަށް ބުނެފައިވެއެވެ.

މީޑިއާ ކޮމިޝަނުގެ ސިޓީއާ ގުޅިގެން ފިޔާޒު ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ކާޓޫނުގައި ދައްކުވައިދެނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ. އަދި އެ ކާޓޫނުގެ އަމާޒަކީ ދިވެހި މުޖުތަމައުގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުން ކަމަށް، އެ ސިޓީގައިވެއެވެ.

އެ ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ އިސްލާމްދީނުގެ ޝިއާރަކަށް ތައުހީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫން ކަމަށާއި، އެ ކާޓޫނުން އެފަދަ ކަމެއް ދޭހަކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށްވެސް، ފިޔާޒު ފޮނުއްވި ސިޓީގައިވެއެވެ.

comment ކޮމެންޓް