ހުޅުމާލެ ތިންވަނަ ފިޔަވައި ހިއްކައި ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އަލުން މިދިޔަ ނޮވެންބަރު ދިހައެއްގައި ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެން ދިޔައީ، ޕްރިންސް ޑަ ނެދަލަންޑެންއާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔައިރު: އެ ސަރަހައްދު މިހާރު ވަނީ ހިއްކާ ނިންމާފައި ---- ފޮޓޯ/ އެމްއޭސީއެލް
މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެ މަސައްކަތް ހިންގުމާ ހަވާލުކޮށްފައިވާ އެމްއޭސީއެލްއިން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޑިސެމްބަރު 20ގައި ވަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނަގާފައެވެ. އޭރު، ގުރު ނަގާފައި ވަނީ، އެ ސަރަހައްދުން ގޯތި ޙަވާލުކޮށްފައިވާ މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.