ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި ރޭ ބަހަން ފަށައި, މިހާތަނަށް 4،000 އަށް ވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މަސް ކޭސްތައް ދޫކުރުމަށް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން 4،196 ކޭސް ރޭ 8:30އިން 11 ޖަހަންދެން ދޫކުރި ކަމަށެވެ.
އެންމެ ގިނައިން މަސް ކޭސް ދޫކުރީ ގަޅޮލު ދަނޑުން ކަމަށާއި، އެއީ 783 ކޭސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި އަހަރު 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެއެވެ. އެއީ، ރަށްރަށުގެ 56،918 ގޭބީސީއަކަށާއި މާލެ ސަރަހައްދުގެ 61،755 ގޭބީސީއަކަށެވެ.
ކޮންމެ ރެޔަކަށް 300 ޓޯކަން ދޫކުރާއިރު، މަސް ކޭސް ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރު އަދި ބިލު ނަންބަރު ފަދަ މައުލޫމާތުތަކަށް ބެލުމަށްފަހެވެ. އޭގެ އިތުރަށް، މަސް ކޭސް ބެހުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ޓޯކަން ނަންބަރު ނެގުމަށް ޚާއްސަ ޕޯޓަލެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.
'އެކްސް'ގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ރޭ ލިޔުއްވިގޮތުގައި މި ފެށުނު ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވައި ނިމޭނެއެވެ.
މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހާނެއެވެ. އެއީ، މާލޭގެ އަށް މަރުކަޒަކާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ. އެ ތަންތަނަކީ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ސްޓޭޑިއަމް
- ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް
- އުމަރު ޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރުގެ ތިރިން
- މުހައްމަދު ގާސިމް ޕްރީސުކޫލް
- ކާމިލްދީދީ ސުކޫލު
- ހިޔާ ޓަވަރު ދިހައެއް
- އެމްޕީއެލް ޓަވަރު ޕީ
- ވިލިމާލެ ވެމްކޯ ސައިޓު
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް ރޭ ބަހަން ފެށިއިރު، ޝަރީފް މީގެ ކުރިން ވިދާޅުވިގޮތުގައި އެ މަސައްކަތް މާލޭގައި ކުރިއަށް ގެންދާއިރު، އެއްވެސް މީހަކު ކިޔޫގައި ޖެހޭކަށް ނުޖެހޭނެއެވެ.
ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،977 މަސްދަޅު ކޭސް ނަމަ އެއީ ޖުމުލަ 90.4 މިލިއަން ރުފިޔާއެވެ.