ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު ކޭސް ބަހަން ފަށައިފި

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު ކޭސް ބަހަން ފަށައިފި -- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް މާލެ ސަރަހައްދުގައި މިރޭ ބަހަން ފަށައިފިއެވެ.

މި އަހަރު 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެއެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެވެ.

މިރެއިން ފެށިގެން މާލެ ސަރަހައްދުގެ ކޮންމެ ގޭބިސީއަކަށް ރޭގަނޑު 20:00 އިން 23:00 އާ ހަމައަށް މަސް ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ރެޔަކަށް 300 ޓޯކަން ދޫކުރާއިރު، މަސް ކޭސް ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރު އަދި ބިލު ނަންބަރު ފަދަ މައުލޫމާތުތަކަށް ބެލުމަށްފަހުއެވެ. އޭގެ އިތުރަށް، މަސް ކޭސް ބެހުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ޓޯކަން ނަންބަރު ނެގުމަށް ޚާއްސަ ޕޯޓަލެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.

މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރޯދަ ހަދިޔާ ހޯދުމަށް މިރެއާ ހަމައަށް އައިއިރު މާލެއިން 4،805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި، މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޖުމުލަ 15 ތަނަކުން މަސް ކޭސް ބަހަން ހަމަޖެހިފައިވެއެވެ. އެއީ، މާލޭގެ އަށް މަރުކަޒާއި ވިލިމާލޭގެ މަރުކަޒަކާއި ހުޅުމާލޭގެ ހަ މަރުކަޒެއްގައެވެ. އެ ތަންތަނަކީ:

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯމިލް
  • ހެންވޭރު ސޯމިލް
  • ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް
  • އުމަރު ޒާހިރު ބިލްޑިންގް
  • ޕޮލްކޯ ޓަވަރުގެ ތިރިން
  • މުހައްމަދު ގާސިމް ޕްރީސުކޫލް
  • ކާމިލްދީދީ ސުކޫލު
  • ހިޔާ ޓަވަރު ދިހައެއް
  • ވިނަރެސް ފުލެޓުން
  • ވިލިމާލެ ވެމްކޯ ސައިޓު

މިރޭ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސްތައް ބަހަން ފެށިއިރު މީގެ ކުރިން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި މަސައްކަތް މާލޭގައި ކުރިއަށް ގެންދާއިރު، އެއްވެސް މީހަކު ކިޔޫގައި ޖެހިވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން 118،000 މަސްދަޅު ކޭސް ނަމަ އެއީ ޖުމުލަ 89.6 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް