މިދިޔަ އަހަރު އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން 876 މިލިއަން ޚަރަދުކުރި

ވެލާނާގެ: މިދިޔަ އަހަރު އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން 876 މިލިއަން ޚަރަދުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ އެކިއެކި އޮފީސްތަކާއި އިދާރާތަކުން ދުވަހުން ދުވަހަށް ދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ސާމާނު ގަންނަން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 876 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި އެ އަހަރު އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން ބަޖެޓުކުރީ 860 މިލިއަން ރުފިޔާއެވެ. އެކަމަކު، އަހަރު ނިމުންއިރު އެ ކަމަށް ވަނީ 876 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެހެންވެ، އެއީ ބަޖެޓަށް ވުރެ ވެސް އިތުރަށް 16 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމުލަ 43.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 39.6 ބިލިއަން ރުފިޔާއަށްވުރެ 3.5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

https://sun.mv/217066

އެ އަހަރު މުސާރައާއި އިނާޔަތްތަކަށް 14.7 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، އެއީ އޭގެ ކުރީ 2024 ވަނަ އަހަރާ ބަލާއިރު ބިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ހިންގުމުގެ ޚަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

އެކަމަކު، މިދިޔަ އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ބަޖެޓުގައި ޖެހި އަދަދުން ބޮޑު ބައެއްގައި އަތްނުލައެވެ.

https://sun.mv/216120

އެ ގޮތުން، މިދިޔަ އަހަރު ކެޕިޓަލް ޚަރަދަށް 12.5 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް އަހަރު ނިމުންއިރު އެ ކަމަށް ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކަނީ 6.8 ބިލިއަން ރުފިޔާއެވެ. އެއީ، އެ އަހަރު ބަޖެޓުކުރި އަދަދަށްވުރެ 5.7 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެއަށްވުރެ މާ ބޮޑު އަދަދެއް މިދިޔަ އަހަރު ލޯން ދެއްކުމާއި ލޯންތަކުގެ އިންޓްރެސްޓަށް ވެސް ޚަރަދުކުރިއެވެ. އެ ގޮތުން، ލޯން ދައްކަން މިދިޔަ އަހަރު ބަޖެޓުން 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، އިންޓްރެސްޓްގެ ގޮތުގައި ބަޖެޓުން 4.7 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ، ޖުމުލަ ލޯންތައް ދެއްކުމާއި އިންޓްރެސްޓަށް 9.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއެވެ.

comment ކޮމެންޓް