މެލޭޝިއާ ކުއާލަލަމްޕޫރުން، މުޙައްމަދު ނާއިލް ޙަފީޒް:
އޭޝިއާ ވިޝަން ނެޓްވޯކް (އޭވީއެން) ގެ މެންބަރު މީޑިއާތަކާ އެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ކޯޑިނޭޓަރުންގެ، މި އަހަރުގެ ބައްދަލުވުން މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބާއްވައިފިއެވެ.
އޭވީއެންއަކީ، އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ނިއުސް ޑިޕާޓްމާންޓުން ހިންގާ ޚާއްސަ މަންސަކެވެ. މިއީ އޭބީޔޫގެ މެންބަރު މީޑިއާތަކުގެ މެދުގައި އެ މީޑިއާއަކުން ކަވަރުކުރާ މުހިންމު ޚަބަރުތަކާ ބެހޭ ވީޑިއޯ ހިއްސާކޮށް، އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި ހިނގާ ކަންކަމުގެ ވީޑިއޯ ފަސޭހައިން ހޯދޭ ޕްލެޓްފޯމެކެވެ.

އޭވީއެން ކޯޑިނޭޓޭޒް މީޓިންގެ ތެރެއިން --
ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އޭވީއެންގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ މީޑިއާތަކަކުން ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގައި އޭވީއެން މެންބަރުންގެ ގޮތުގައި، އެސްއެސް މީޑިއާއާއި، ޕީއެސްއެމް ހިމެނޭހެން ޖުމްލަ ދެ މީޑިއާ ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ވަނީ، އޭވީއެންއަށް އެ މީޑިއާއަކުން ހިއްސާކުރާ ކޮންޓެންޓުގެ މަގޫބުލުކަމާއި، އެހެން މީޑިއާތަކުން އެ ކޮންޓެންޓެއް ބޭނުންކުރާ މިންވަރަށް ބަލައި، އޭވީއެންއިން ކޮންމެ މަހަކު ދޭ އެވޯޑުތައް ވެސް ދީފައެވެ. މި ބައްދަލުވުމުގައި ވަނީ ފާއިތުވި ހަ މަހު އެ އެވޯޑު ހާސިލްކުރި މީޑިއާތަކަށް އެވޯޑު ހަވާލުކޮށްފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މައުލޫމާތު ހިއްސާކުރުމުގެ ގިނަ ސެޝަންތަކެއް ވެސް ބާއްވައިފައެވެ. އެގޮތުން ފަސޭހައިން މައުލޫމާތު ލިބޭ މި ޒަމާނުގައި ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ ހަމަތަކާއި، މައުލޫމާތު ހޯދައި ދެނެގަތުމުގައި ވިސްނަންވީ ކަންކަމުގެ މައުލޫމާތު ވެސް ދީފައިވެއެވެ.

އޭވީއެން ކޯޑިނޭޓޭޒް މީޓިންގެ ތެރެއިން --
މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާއި، ޒަމާނާ އެއް ފެންވަރަށް ނޫސްވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ބޮޑެތި މީޑިއާތަކުން ބައިވެރިވި މި ބައްދަލުވުމުގައި ބައެއް މީޑިއާތަކުގެ ތަޖުރިބާއާއި، އެ މީޑިއާތަކުގެ ނިއުސްރޫމްތަކުގައި މަސައްކަތްތައް ބައްޓަންކޮށްފައި ހުންނަ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މިދިޔަ އަހަރު އޭޝިއާ ވިޝަން ކޯޑިނޭޓަރުންގެ ބައްދަލުވުން އޮތީ ތުރުކީގެ އިސްތަންބޫލުގައެވެ.